ދީނީ ޢިލްމުވެރިންނަށް ރައްޔިތުންގެ އާދޭސް!: ހުރިހާ ދީނީ ޢިލްމްވެރިން އެކުގަ އިސްލާމް ދީނުގެ ޙިމާޔަތުގަ މަސައްކަތްކޮށްދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ދީނީ ޢިލްމުވެރިންނަށް ރައްޔިތުންގެ އާދޭސް!: ހުރިހާ ދީނީ ޢިލްމްވެރިން އެކުގަ އިސްލާމް ދީނުގެ ޙިމާޔަތުގަ މަސައްކަތްކޮށްދެއްވާ!

މިއީ ރާއްޖޭގެ ހުރިހާ ދީނީ ޢިލްމްވެރިން އެކުގައި އިސްލާމް ދީނުގެ ދިފާޢުގައި ނުކުމެވަޑައިގަތުމުގެ ވަގުތެވެ. ޢިލްމުވެރިންގެ މެދުގައި ހުރި މަޛްހަބީ ޚިލާފްތައް ދޫކޮށްލައްވައި ރާއްޖޭގައި އިސްލާމް ދީނާއި ކީރިތި ޤުރްއާން ހިމާޔަތްކުރައްވަން ހުރިހާ ޢިލްމުވެރިން ގުޅިވަޑައިގެން ތެދުވެވަޑައިގަންނަވަންވީ ވަގުތެވެ. ވަކިވަކި ޖަމިއްޔާތަކުގެ މަސައްކަތް އެއްކޮށްލައްވައި ބޮޑު އެއް ޖަމާއަތެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވަންވީ ވަގުތެވެ. 

ކޮންމެ ދުވަހަކީ ދިވެހި މުސްލިމުންނަށް ނުރައްކައުތެރި އެތައް ހަމަލާތަކެއް އެކި ސިފަސިފައިގައި ދެވެމުންދާ ދުވަހެކެވެ. ހަމަލާތައް ފުޅައުވަމުން އައިސް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ބައެއް މީހުންގެ ތެރެއިން އިސްލާމް ދީނާއި ދެކޮޅު އަމަލުތައް މިވަނީ ފައުޅުގައި ފެންނަން ފަށައިފައެވެ. އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރުން މިވަނީ ރިޔާސީ ކޮމިޝަންތަކުގެ މެންބަރުންނާއި ހަމައަށް ތިލަވެފައެވެ. 

މިހާލަތުގައި ތިއަ ލޮބުވެތި ޢިލްމުވެރިންގެ އެންމެ ބޮޑު ޒިންމާއަކަށް ވާންޖެހޭނީ ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރަން ކުރަން ޖެހޭ އެންމެހައި ކަންކަން ކޮށްދެއްވުން ނޫންތޯއެވެ! ޙައްޤުބަސް ވިދާޅުވެ ކަންކަމުގެ ޙަޤީޤަތް މީސްތަކުންނަށް ހާމަކޮށްދެއްވުމާއި އެކަމަށް ފަސްޖެހިވަޑައިނުގެން ކުރިމަތިލައްވައި އަވަސް މަސައްކަތްތަކެއް ފަށްޓަވައި ދެއްވުން ނޫންތޯއެވެ!   

ކޮންމެ މުސްލިމަކުވެސް އެންމެ ކުރިއަށް ނެރެންޖެހޭނީ އިސްލާމް ދީން ޙިމާޔަތްކުރުން ކަމަށް ތިއަ ލޮބުވެތި ޢިލްމުވެރިން ދަރުސްތަކުގައި ވިދާޅުވާ ފަދައިން އެކަން އަމަލީ ގޮތުން ދައްކަވައި ދެއްވުމަކީ މިއަދު ތިއަ ލޮބުވެތި ޢިލްމުވެރިންގެ އެންމެ ބޮޑު މަސްއޫލިއްޔަތު ނޫންތޯއެވެ! އެކަން ކޮށްދެއްވުމަކީ ދިވެހި މުސްލިމުންގެ އެންމެ ބޮޑު އާދޭހެވެ. 

ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން މިއަދު މިވަނީ ވަރަށް ނާޒުކު ޙާލަތެއްގައެވެ. ސަރުކާރުން ފާސްކުރަން ބޭނުންވާ ކަންކަން މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އެގެންދަނީ ފާސްކޮށް އަމަލުކުރަމުންނެވެ. ފިޔަވަޅު އަޅަމުންނެވެ. ހަމައެކަނި ފިޔަވަޅު ނުއެޅިގެން މިއުޅެނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގައި ހުރި ކަންކަމަށެވެ. 2017 ވަނަ އަހަރުން ފެށިގެންވެސް ފިޔަވަޅު އެޅޭނެ ގޮތަކަށް އިސްލާމިކް މިނިސްޓްރީ އާއި ދިވެހި ފުލުހުން އަންނަނީ މަޝްވަރާކުރަމުންނެވެ. އިއްޔެވެސް އަޑު އިވުނީ އަދިވެސް މަޝްވަރާތައް ކުރިއަށް ގެންދާ ވާހަކައެވެ. 

ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ބޭއްވި މަހާސިންތާތަކުގައި ކުރަން ފާސްކުރައްވާފައިވާ ކަންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ހަމަ ތިއަ ލޮބުވެތި ޢިލްމުވެރިންނަށެވެ. މީޑިއާތަކަށް ތިލަވެފައިވަނީ ވަރަށް މަދު ކަންކަމެވެ. އެނގޭކަމަކީ މީޑިއާތަކަށް ތިލަވެފައިވާ އެއްވެސް ކަމެއް ތަންފީޒުވަމުން ނުދާ ކަމެވެ. 

ވީމާ މިއީ ތިއަ ލޮބުވެތި ޢިލްމުވެރިންގެ ނިންމެވުންތައް ހާމަކުރައްވައި އެކަންކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސް ދެއްވަންވީ ވަގުތު ކަމުގައި ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ. ތެދުވެވަޑައިގަންނަވާށެވެ! ދިވެހި ލޭހުރި ދިވެހިރައްޔިތުން ތިބީ ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމަށާއި އެހެން އެއްވެސް ދީނަކަށް ފުރުޞަތު ނުދޭން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށްކަން ރައްޔިތުން އެގެންދަނީ ހާމަކުރަމުންނެވެ. 

ނުރައްކައުތެރިކަމުން ފުރިގެންވާ މިދުވަސް އޮތީ ދާދި ކައިރީގައިކަމުގެ އިންޒާރުގެ ރަނގަބީލުތައް ޖެހޭ އަޑު އިވެމުން އަންނާތީ ބައެއް ޝައިޚުންގެ ސަމާލުކަމަށް މިކަން ގެނެސް ދީނީ ޢިލްމުވެރިންގެ މަސައްކަތްޕުލުތައް އިތުރުކޮށްދެއްވުން އެދި ބައެއް ޝައިޚުންގެ އަރިއަހުގައި މިހާރުވެސް ވާނީ ފަރުދީ ހައިޞިއްޔަތުން އާދޭސް ދަންނަވައިފައެވެ. އެ ޝައިޚުން މިކަމަށް ހެކިވެވަޑައިގަންނަވާނެއެވެ.

 

މިއަދު އޮންލައިން