އިސްލާމް ދީނަކީ އެއްވެސް މީހެއް ނޫނެވެ. އެހެންކަމުން އެއްވެސް މީހަކު ކުރާ އެއްވެސް ކަމެއްގެ ޒިންމާ އިސްލާމް ދީނުގައި އުޅުވުމާއި އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރުމަކީ އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށްވީނަމަވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ.
އިންސާނިއްޔަތަށް ގެއްލުންހުރި އެއްވެސް ކަމެއް އިސްލާމް ދީނަކު ނެތެވެ. އިސްލާމް ދީނުގައި ހުރި ކޮންމެ ކަމަކީވެސް މުޅި އިންސާނިޔަތަށް އެންމެ ފައިދާހުރި ގޮތެވެ. އެކަން މުސްލިމުން ނޫން މީހުން ވެސް ޤަބޫލުކުރެއެވެ. އެކަން ޤަބޫލުކޮށް ގިނަ ބައަކު ދަނީ އިސްލާމްވަމުންނެވެ. ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީނަކީ އިސްލާމް ދީން ކަމުގައި ވުމަކީ އެކަމުގެ އެންމެ ސާބިތު ދަލީލެވެ.
އެހެން ދީންތައް ފަތުރަން ދުނިޔޭގެ އެންމެ ބޮޑެތި މީދިއާތަކުންނާއި ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ވަރަށް އިސްލާމް ދީން ފަތުރަން މަސައްކަތް ނުކުރެވޭއިރުވެސް އިސްލާމް ދީނަށް މިހައި ބޮޑު ކުރިއެރުމެއް ލިބެމުން މިއަންނަނީ އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީން ކަމުގައިވާތީއެވެ. އެކަމާއި ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ދަލީލެއް އޮތް ނަމަ ނިކަން ދައްކައިބަލާށެވެ. ދުނިޔޭގެ އެންމެ ބޮޑެތި ޑިމޮކްރަސީ ކަމަށް ބުނާ ޤައުމުތަކުގައިވެސް އެންމެ ބާރަށް ފެތުރެނީ އިސްލާމް ދީން ކަމަށްވުމުން އެދަނީ ތެލިފޮޅެމުންނެވެ.
އިސްލާމް ދީނަކީ ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތެވެ. ތިމާ ބޭނުންހައި ގޮތަކަށް ކަންކަން ކުރުމުގެ ހުއްދަ އިސްލާމް ދީނުގައި ނެތުމަކީ އިސްލާމް ދީނުގެ އުނިކަމެއް ނޫނެވެ. އެއީ އިސްލާމް ދީނުގެ ފުރިހަމަކަމެވެ. އެއްވެސް މީހަކު ދުނިޔެއަށް އުފަންވެފައިވަނީ އެމީހަކު ބޭނުންވާހައި ގޮތަކަށް އުޅުމަކަށް ނޫނެވެ. ވަކި އުޞޫލުތަކެއްގެ ތެރެއިން ދހުނިޔޭގައި އުޅުމަށެވެ. އެކަން މުސްލިމުންގެ އިތުރުން ދެން ހުރި ދީންތަކުގެ މީހުންވެސް ޤަބޫލުކުރެއެވެ.
އިސްލާމް ދީނާއި އަދި ރާއްޖޭގެ ޤާނޫނާއި ޚިލާފް އެއްވެސް ކަމެއް ދިވެހިރައްޔިތަކު ކުރާނަމަ އެކަމެއް ބަލައި އެމީހަކާއިމެދު ފިޔަވަޅު އެޅުމަކީ ދިވެހި ދައުލަތުގެ މަސްއޫލިއްޔަތެކެވެ. އެމީހާ އެކުރި ކަންތަކުގެ ސަބަބުން އިސްލާމް ދީން ބަދުނާމްކުރުމާއި ކައު އިތުރު ރަސޫލާ (ޞޢވ)އަށް ފުރައްސާރަކުރުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ހުއްދަކުރާ ކަމެއް ނޫނެވެ.
އެފަދަ ކަން ކުރާނަމަ އެމީހަކާއިމެދު އަދި އެ ޖަމާޢަތަކާއިމެދު ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެދަށުން ފިޔަވަޅު އެޅުމަކީ ދިވެހި ދައުލަތުގެ މަސްއޫލިއްޔަތެކެވެ. އިސްލާމް ދީނަށާއި ރަސޫލް (ޞޢވ)އަށް ފުރައްސާރަކުރުމަކީ ދިވެހި ޖުމްހޫރިއްޔާ އުފެދުނީންސުރެ، ދިވެހިން މީގެ 900 ވަރަކަށް އަހަރު ކުރިންސުރެ ދިވެހިން އިސްލާމް ދީން ބަލައިގަތީންސުރެ ރާއްޖޭގައި ހުއްދަ ކަމެއް ނޫނެވެ. ވީމާ މުހިންމީ ކަން ކުރި ދުވަހެއް ނޫނެވެ. ކުރި ކަންތަކެވެ. ކަންކުރި މީހުން ދުނިޔޭގައި ތިބިނަމަ އެމީހުންނަށް ޙައްޤު އަދަބު ދިނުމެވެ. އެމީހުންނާއިމެދު އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމެވެ.
ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަމަށް ހުރަސްތައް ކުރިމަތިވަމުން މިދަނީ ބޭރުގެ ފަރާތަކުން ދޭ ލާރިކޮޅުގެ ދަހިވެތިކަމުގައި ކީރިތި ޤުރްއާނުގެ އަކުރުތައް ބަރަހަނާ އަންހެނުންގެ ސިފައިގައި ކުރަހައި މައްރަޒްތައް ބާއްވާއިރުވެސް ވެރިކަމުގެ ފަރާތުން އަޅާ އެއްވެސް ފިޔަވަޅެއް ނެތުމުންނެވެ. އެފަދަ ކަންކަމުން ހިތްވަރު ލިބިގެންނެވެ. އެކަމަށް ދިވެހި ދައުލަތް ޒިންމާދާރުކުރުވަން ވަނީ ޖެހިފައެވެ.