"ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެއެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ." (އައްނިސާ: 40)
މިއާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އެވަނީ "ރަސޫލާ (ޞޢވ)އަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެ" ކަމަށެވެ. ވީމާ ރަސޫލާ (ޞޢވ)އަށް ނުކިޔަމަންތެރިވެއްޖެ މީހާ އެހެރީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެގެންކަން މިއޮތީ ކީރިތި ޤުރްއާނުން ފެންނާށެވެ.
ރަސޫލް (ޞޢވ) އަށް ނުކިޔަމަންތެރިވުމުން ހުރީ ގަދަފަދަ ޢަޛާބް!
"ތިއަބައިމީހުންގެ އެއްބައަކު އަނެއްބައަކަށް ގޮވައިއުޅޭފަދައިން ތިއަބައިމީހުންގެ މެދުގައި ރަސޫލާއަށް ގޮވައިނޫޅޭށެވެ! ތިއަބައިމީހުންގެ ތެރެއިން (އިޛްނައެއްނެތި) ފިލައިގެންދާ މީހުން ހަމަކަށަވަރުން، ﷲދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އަމުރު ފުޅާ ޚިލާފް ވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ!" (އައްނޫރު: 63)
ރަސޫލް (ޞޢވ) ފޮނުއްވެވުނީ ކީއްކުރައްވަވަން؟
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރު ދެއްވައި، (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ."
"(އެއީ) ތިއަބައިމީހުން ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވުމަށްޓަކައެވެ. އަދި އެކަލާނގެއަށް ނަޞްރު ވެރިވުމަށާއި، އެކަލާނގެއަށް މާތްކޮށްހިތުމަށްޓަކައެވެ. އަދި އެކަލާނގެއަށް ހެނދުނާއި، ހަވީރު ތިޔަބައިމީހުން ތަސްބީޙް ދެންނެވުމަށްޓަކައެވެ." (އަލްފަތްޙް: 8،9)
މިއާޔަތްތައް ބަޔާން މިކުރީ މިހާރު ފެތުރެމުން މިދާ އިސްލާމް ދީނާއި ދެކޮޅު އޮއިވަރުގައި ނުއެނގި ތިބެ ނަމަވެސް ބައެއް މީހުން ޖެހެނުންދާތީއެވެ. ޚާއްޞަކޮށް ޒުވާނުންނަށް ކަމުގެ ޙަޤީޤަތް އޮޅުވާލަމުން ގެންދާތީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް