ދުޢާކުރާއިރު ގިނަ ބައަކު ހިމަނައިގެން ދުޢާ ކުރުމަކީ ދުޢާ އިޖާބަ ކުރައްވަވާ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ދުޢާކުރާއިރު ގިނަ ބައަކު ހިމަނައިގެން ދުޢާ ކުރުމަކީ ދުޢާ އިޖާބަ ކުރައްވަވާ ކަމެކެވެ!

ދުޢާކުރާއިރު ގިނަ ބައަކު ހިމަނައިގެން ދުޢާކުރާށެވެ. މިސާލަކަށް ރިޒްޤަށް އެދި ދުޢާކުރާނަމަ "މިއަޅާއަށާއި މިއަޅާފަދައިން ރިޒްޤަށް ބޭނުންވެގެންތިބި މީސްތަކުން"ގެ މަތިން ދުޢާކުރާށެވެ! "އަޅުގެ ވެރި ރަސްކަލާނގެ" ކަމުގައި ދަންނަވާފަދައިން "އަޅަމެންގެ ވެރި ރަސްކަލާނގެ" ކަމުގައިވެސް ދަންނަވާށެވެ! އެހެނީ ގިނަބައަކު ހިމަނައިގެން ދުޢާ ކުރުމަކީ ފަސޭހައިން ދުޢާ އިޖާބަ ކުރެއްވެވުން ކައިރި ކަމެކެވެ.

رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَـسِرِينَ 

އާދަމްގެފާނުގެ ދެކަނބަލުންނަށް ކުށެއް ކުރެއްވެވުނު ހިނދު ކުރެއްވެވި ދުޢާގައިވެސް ވިދާޅުވެފައިވަނީ "އަޅަމެންގެ ވެރި ރަސްކަލާނގެ"އެވެ. އެއީ މި ސަބަބަށްޓަކައެވެ. މިދުޢާއަކީ އަހރެމެން އެންމެން ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ. އަހަރެމެންނަށް މިތިބެވެނީ އަބަދުހެން ފާފަ ކުރެވިކުރެވިއެވެ. ވީމާ އާދަމްގެފާނު ދެންނެވިފަދައިން ގިނަގިނައިން ދަންނަވާށެވެ.  

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލއަޢްރާފް: 23)  

ދުޢާގައި ދެބައެއް ހިމެނެއެވެ. ފުރަތަމަ ބައަކީ ދުޢާ ކުރުމުގެ އަދަބުތަކާއިއެކު ކުރާ ދުޢާތަކެވެ. މިފަދަ ދުޢާތައް މަލާއިކަތުން ވަރަށް ފުރިހަމައަށް "ރެޕް" ކުރައްވައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވާނެތެވެ. ދެވަނަ ބާވަތަކީ އަދަބުތަކާއި ޚިލާފަށް ކުރާ ދުޢާތަކެވެ. ބުނެވެނީ އެފަދައިން ކުރާ ދުޢާތައް އެނބުރި އަންނާނީ އެމީހެއްގެ މޫނަށް ކަމަށެވެ.  

މީސްތަކުންނޭވެ! ބައެއް މީހުންނަށް ހީކުރެފައި އޮންނަނީ ބޮޑެތި ގެއަޅައި ވިޔަފާރިތައް ފަށައި ކަންކަން ކުރެވެނީ އެމީހުންގެ މޮޅުކަމުން ކަމަށެވެ. އަގު ބޮޑު ވެހިކަލްތަކުގައި އުޅެވެނީ އެމީހާގެ މޮޅުކަމުން ކަމަށެވެ. ނަމަވެސް އެއީ ހަމަ ވަރަށް މޮޔަ ޚިޔާލެކެވެ. ބައެއް މީހުންގެ މުޅި ދިރިއުޅުން ކުއްލިއަކަށް ގެއްލިގެން ނުދޭ ހެއްޔެވެ؟ އެއީ އޭނާގެ މޮޅުކަމުން އަމިއްލައަށް ލިބިގަތް ކަންކަން ނަމަ ގެއްލިގެން ދިއަދެނީ ކީއްވެގެން ހެއްޔެވެ؟ ހިފަހައްޓަންވީ ނޫން ހެއްޔެވެ؟  

މިފަދަ ކޮންމެ ކަމަކުން ވެސް އެނގެނީ އެއްވެސް ކަމަކަށް އަހަރެމެން އެކެއްގެވެސް އެއްވެސް ބާރެއް ނުހިނގާ ކަމެވެ. ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ އެންމެހައި ނިޢުމަތްތައް މިންވަރު ކުރައްވަވާ ﷲ ތަޢާލާއަށް ކަމެވެ. ވީމާ ދުޢާކުރުން ގިނަކުރަންވީ ހަމައެކަނި ދަތިޙާލުގައި ޖެހުމަކުން ނޫނެވެ. ކިތަންމެ ބޮޑު އުފާވެރިކަމެއްގައި އުޅުނު ނަމަވެސް ދުޢާކުރުން ގިނަކުރާށެވެ! ޝުކުރުވެރި ނުވާނަމަ ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތައް އަނބުރައި ގެންދަވައިފާނެ ކަމަށް ބިރުވެތިވާށެވެ!  

ﷲ ތަޢާލާ އަންގަވާފައިވަނީ ދުޢާކުރުން ގިނަ ކުރުމަށެވެ. ގިނަގިނައިން ކަންކަމުގައި އެދި ދެންނެވުމަށެވެ. ދެންނެވުން ގިނަކުރިވަރަކަށް ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ނުވަތަ ރުހިވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. ދުޢާކުރުން މަދުކުރާ މީހުންނަކީ ބޮޑާ މީހުންނެވެ. ކިބުރުވެރިންނެވެ. އެމީހުންނަށް ހީވެފައި އޮންނަނީ އެމީހުން ތިބީ ފުދިގެން ކަމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އެއްވެސް ކަމަކަށް ބޭނުން ނުވާ ކަމަށެވެ.  

- ޝައިޚް ޔަހްޔާ އިބްރާހީމްގެ ދަރުސަކުން

މިއަދު އޮންލައިން