އެކުވެރިންގެ ގޮތުގަ ހޯދަންވީ ތިމާ ނަރަކައިން ސަލާމަތްކޮށްދޭނެ ތަޤްވާވެރިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އެކުވެރިންގެ ގޮތުގަ ހޯދަންވީ ތިމާ ނަރަކައިން ސަލާމަތްކޮށްދޭނެ ތަޤްވާވެރިން!

ސުވަރުގޭގެ އަހުލުވެރިން ﷲ އަށް ދަންނަވަމުން ގެންދަވާނެތެވެ. "ޔާ ﷲ! އަޅަމެންނާއިއެކު ނަމާދުކޮށް ޒަކާތްދީ ޙައްޖުވެ އެ ނޫންވެސް އަޅުކަންކޮށް އުޅުނު އެކުވެރިން މިސުވަރުގެއަކުން ނުފެނެއެވެ." 

އެމީހުން މިފަދައިން ދަންނަވަނީ އެމީހުންގެ އެކުވެރިން ވީ ނަރަކައިގައިކަން އެނގި ތިބެއެވެ. ނަމަވެސް އެކަން އެގޮތަށް ހާމަ ނުކުރަނީއެވެ. 

އެމީހުންގެ އަޑުއައްސަވައިވޮޑިގެން "ނަރަކައަށް ގޮސް އެމީހުންނަށް ފާހަގަކުރެވޭ މީހަކު ފެނިއްޖެ ނަމަ ހޯދައި ނަރަކައިން ނެރެން" ވަޙީ ކުރައްވަވާނެތެވެ. އެއާއިއެކު މީސްތަކުން ނަރަކައަށް ދާނެތެވެ. އެމީހުންގެ ގާތް ތިމާގެ މީހުންނާއި އެކުވެރި ރަޙްމަތްތެރިން ފެނޭތޯ ބަލާނެތެވެ. 

ބައެއް މީހުން ފެންނާނެތެވެ. ބައެއް މީހުންގެ ފައިތިލަ އާއި ހަމައަށް ހުޅު ހިފައި އަނދަމުންދާނެތެވެ. އެމީހެއްގެ ގައިގައި ނަރަކައިގެ އަލިފާން ހިފާފައި ހުންނާނީ އެމީހަކު ކުރި ފާފައިގެ ނިޞްބަތުންނެވެ. 

ﷲ ތަޢާލާގެ އިޒުނަފުޅާއިއެކު އެމީހުންނަށް ފެނުނު އެކުވެރިން ނަރަކައިން ނެރެ ސަލާމަތްކުރާނެތެވެ. އަދި އެމީހުންގެ ހަށިތައް ޠޯހިރުވުމުން ސުވަރުގެ ވައްދަވާނެތެވެ. 

މީސްތަކުންނޭވެ! ފާހަގަކުރަން ބޭނުންވަނީ ހެޔޮލަފާ މީހުންނާއިއެކު ދުނިޔޭގައި އުޅުމުގެ މުހިންމުކަމެވެ. ނަމާދުނުކުރާ، ހެޔޮ އަމަލުތައް ނުކުރާ މީހުންނާއިއެކު އުޅުމުން ތިބާ ނަރަކައިން ސަލާމަތް ކުރަން ދާނީ ކާކުހެއްޔެވެ؟ ތިބާއަށްޓަކައި ޤިޔާމަތް ދުވަހު ޝަފާޢަތްތެރިވާނީ ކާކު ހެއްޔެވެ؟ ތިބާ ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވާނީ ކާކު ހެއްޔެވެ؟ 

ވީމާ އެކުވެރިން ހޯދަންވީ ދުނިޔޭގައި އެމީހަކަށް ލިބިފައިވާ ތަނަވަސްކަމާއި އާރާއި ބާރަށް ބަލައިގެނެއް ނޫނެވެ. ސިޔާސީ މަޤާމާއި ނުފޫޒަށް ބަލައިގެނެއްވެސް ނޫނެވެ. ތިމާ ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވައިދޭނެ ތަޤްވާވެރިންނަށް ބަލައިގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން