ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު ފަސް ރަށަކަށް!

ކިޔުމަށް ހޭދަވާނީ 1މ 51ސ
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު ފަސް ރަށަކަށް!

ބެންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑު ޕްރޮގްރާމްގެ ދަށުން އިތުރު 5 ރަށެއްގައި ޕްރޮޖެކްޓްތަކެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލްގެ އަހަރެންގެ ކޮމިއުނިޓީ ފަންޑު ޕްރޮގްރާމަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ކުރިއަށްގެން ޕްރޮގްރާމެކެވެ.

ބީއެމްއެލްއިން ބުނީ ކޮމިނިއުޓީ ފަންޑުގެ ތިންވަނަ ކުއާޓަރގައި ހުށަހެޅުނު 5 ރަށެއްގައި ހިންގުމަށް ހުށަހަޅާފައިވާ 5 ޕްރޮޖެކްޓަކަށް އެހީތެރިވުމަށް ނިންމާފައިވާކަމަށެވެ.

މި 5 ޕްރޮޖެކްޓަކީ:

ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުން

ހދ. ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުން

ރ. ހުޅުދުއްފާރުގައި އަތިރިމަތީ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުން

ހއ. ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުން

ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން

ބީއެމްއެލްއިން ބުނީ ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުންކަމަށެވެ. އަދި ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް އިތުރުވެގެން ގޮސްފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މި ފަންޑުގެ ދަށުން މިހާތަނަށް 10 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

 

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހްކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭ ބީއެމްއެލްއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ.

މިއަދު އޮންލައިން