ރާއްޖޭގެ ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް އޮތް ނަމަވެސް ގަދަކަމުން މީހުން ދަމާ މިސްކިތަކަށް ނުގެންދެއެވެ. މަޖުބޫރު ކުރުވައިގެން ނަމާދަކަށްވެސް ނުގެންދެއެވެ. ގެތަކުގައި ކެމެރާ ހަރުކޮށްގެން ރޯދަ މަހު ކައި ހެދުން ފަދަ ކަންކަން ކުރޭތޯއެއްވެސް ނުބަލައެވެ.
އެހެންކަމުން އިސްލާމް ދީނަށް އަމަލު ނުކޮށް ރާއްޖޭގައި އުޅުމަކީ އެއްވެސް މީހަކަށް އުނދަގޫ ކަމެއް ނޫނެވެ. އެހެންކަމުން ހުރިހާ ޒަމާނެއްގައިވެސް ރާއްޖޭގައި އިސްލާމް ދީނަށް ޢަމަލު ނުކުރާ މީހުން ކޮންމެވެސް އަދަދަކަށް އުޅުނެވެ. އެމީހުން ސިއްރުން ކުރާ އިސްލާމް ދީނާއި ޚިލާފް ކަންކަމަކަށް އެމީހުންނަކަށް އަދަބެއް ނުލިބެއެވެ. ނަމަވެސް ފައުޅުގައި ކޮށްފި ނަމަ އަދަބު ދެއެވެ. މިއަދު މަދު ބައަކު ނަމަވެސް ބޭނުންވެގެން އެ އުޅެނީ އިސްލާމް ދީނުގައި ޙަރާމް ކުރައްވަވާފައިވާ ކަންކަން ފައުޅުގައި ކުރި ނަމަވެސް އެއްވެސް އަދަބެއް ނުލިބޭނެ ގޮތް ހެދުމަށެވެ. އެކަންކަމަކީ ޤާނޫނު އަސާސީން ހުއްދަކުރާ ކަންކަން ކަމަށް ހެދުމަށެވެ.
މިއަދު ކުރިމަތިވެގެން މިއުޅޭ މައްސަލައަކީ އިސްލާމް ދީން ނައްތައިލަން މަސައްކަތްކުރާ ޖަމާއަތްތަކުން ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް އޮންނަ އޮތުން ނައްތައިލުމަށް ފައުޅުގައި މަސައްކަތް ފެށުމެވެ. ބޮޑެތި ހޭދަތައް ކޮށްގެން ދިވެހިންގެ މަދު ބައަކު ނަމަވެސް އަޅުވެތިކުރުވުމެވެ. ސިޔާސީ ނުފޫޒު ހުރި ބައެއް މީހުންވެސް އެމީހުންގެ ބާރުގެދަށަށް ގެންދިއުމެވެ.
ނަތީޖާއަށްވީ ފައުޅުގައި ޤާނޫނު އަސާސީން ބައިތަކެއް ފުހެލުމުގެ މަސައްކަތް ފެށުމެވެ. ކާފަރުންނަށްވެސް ދިވެހި ރައްޔިތުންނަށް ވެވޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ވަރުގަދަކުރުމެވެ. ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމަށްޓަކައި ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ހުރިހާ ޙުކުމްތައް ނައްތައިލުމަށް ހަމަ ދިވެހިންގެ ބައަކު މެދުވެރިކޮށް ފިކުރީ ހަނގުރާމައެއް ވަރުގަދަކުރުމެވެ.
އެކަމަށްޓަކައި ކުރު ރާސްތާގެ މަސައްކަތްތައް ކުރުމުގެ އިތުރުން ދުރު ރާސްތާއަށް އަމާޒުކޮށްގެން ކުރާ މަސައްކަތްތަކުގެ މަޅީގައި ދިވެހި ދައުލަތް ވަނީ ޖެހިފައެވެ. ތައުލީމީ މަންހަޖު އދ ބޭނުންވާ ގޮތަށް ބައްޓަން ކުރުމުގެ މަސައްކަތް ކުރަމުން އެގެންދަނީ އެކަމުގެ އަޑީގައާއި އަރިމަތިތަކުގައި ފޮރުވިފައިވާ ޔަހޫދީ އެޖެންޑާއެއް އޮވެގެންނެވެ.
މިއަދު އަޑު އިވެމުންދަނީ އިސްލާމް ދީން ކިޔަވައިދޭ ފޮތްތަކަށް ބަދަލު ގެންނަވާހަކައެވެ. ރަސޫލް (ޞޢވ) ކުރެއްވެވި ހަނގުރާމަތަކުގެ ވާހަކަތައް ފޮތުން ނަގާ ވާހަކައެވެ. އިސްލާމް ދީނަށްޓަކައި ޖިހާދުކުރުމަކީ ކޮބައިކަން ރަނގަޅަށް ކިޔަވައި ނުދޭނަމަ ކުދިން ދެން ބަލާނީ އިންޓަރނެޓެވެ. އިންޓަރނެޓުން ފެންނާނީ އިސްލާމް ދީން ބަޔާންކުރާ ޖިހާދުގެ ވާހަކަތަކެއް ނޫނެވެ. ޖިހާދުގެ ނަމުގައި އިސްލާމް ދީން ހުއްދަ ނުކުރާ ނިރުބަވެރި ހަނގުރާމަތަކުގެ ވާހަކަތަކެވެ. ދެމުން ގެންދާ ނިރުބަވެރި ހަމަލާތަކުގެ ވާހަކަތަކެވެ. ވީމާ މިފަދަ ބަދަލުތައް ގެންނަނަމަ ދިވެހި ރާއްޖޭގެ ޢިލްމީ، ފަންނީ މީހުންގެ މަޝްވަރާ އާއި ޚިޔާލުތައް ވީހައި ފުޅައު ދާއިރާއެއްގައި ހޯދުން ކިތަންމެހައިވެސް މުހިންމެވެ.
ވިސްނައިލަންވީ ޤިޔާމަތް ދުވަހަށެވެ. އެދުވަހަކު އެއްވެސް މީހަކަށް ނަރަކަ އާއި ސުވަރުގެ އާއި ދެމެދަކު ނުހުރެވޭނެއެވެ. ޖެހޭނީ ނަރަކައަށް ނުވަތަ ސުވަރުގެއަށް ވަންނާށެވެ! ވީމާ ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ) ގެ ސުންނަތުގެ މައްޗަށް ބިނާވެފައި އޮތް އިސްލާމް ދީނާއި އދ އާއި ދެމެދުގައި ހުރެގެން ޤިޔާމަތް ދުވަހު ނަރަކައިން ސަލާމަތްވުމަށް ބޭނުންވާ ޙައްޤު މަގު ނުވަތަ ޞިރާޠު މަގެއް ނުލިބޭނެއެވެ. ސަބަބަކީ އދ ގެ މުޅި ނިޒާމް، ޚާއްޞަކޮށް އިންސާނީ ޙައްޤުތަކާއި ބެހޭ ނިޒާމު އެކުލެވިފައި އޮތީ އިސްލާމް ދީނާއި ޚިލާފަށް ކަމުގައިވާތީއެވެ. އިސްލާމް ދީން ނިކަމެތި ކުރުމުގެ މައްޗަށް ކަމުގައިވާތީއެވެ.
ރާއްޖޭގައި އިސްލާމް ދީނަށް މިހާލަތު ކުރިމަތިވެގެން މިއައީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރަށްފަހު ރާއްޖޭގައި ވެރިކަން ކުރެއްވި ވެރިންގެ އިހުމާލުންނެވެ. ޤިޔާމަތް ދުވަހު އެކަމުގެ ޒިންމާ ނަގަން ވެރިންނަށް ޖެހޭނެއެވެ. މިއަދު ކުރެވޭ ކަންކަމުގެ ޒިންމާ، މިއަދުގެ ވެރިންނަށްވެސް ޖެހޭނީ ނަގާށެވެ! ވެރިކަމަށް އައުމަށް ކުރާ ހުވައާއި ޚިލާފަށް ކުރާ ކޮންމެ ކަމެއްގެ ޒިންމާ ނަގަން އެމީހަކަށް ޖެހޭނެއެވެ. ކޮންމެ މީހަކީ މަސްއޫލުވެރިއެއް ކަމަށާއި ޒިންމާ އުފުލަންޖެހޭނެ ކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.
މީގެ 10 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވާލި ބައެއް ޒުވާނުން މިއަދު ތައުބާވެ އިސްލާމް ދީނުގައި ސާބިތުކަންމަތީގައި ތިބި ކަމަށް ދަނީ މައުލޫމާތު ލިބެމުންނެވެ. އުންމީދަކީ އަދި ދުޢާއަކީވެސް ޙައްޤުގެ މަގުން އެއްކިބާވެފައިވާ އެންމެންނަށް ޙިދާޔަތު ލިބުމެވެ!