ހުރިހާ ރައްޔިތުންގެ ފިކުރާ އެއްގޮތަށް ޤާނޫނު އަސާސީ އޮތީ ކޮން ޤައުމެއްގަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ހުރިހާ ރައްޔިތުންގެ ފިކުރާ އެއްގޮތަށް ޤާނޫނު އަސާސީ އޮތީ ކޮން ޤައުމެއްގަ؟

ކޮންމެ ދީނެއް ޤަބޫލުކުރާ މީހަކު ނަމަވެސް އަދި އެއްވެސް ދީނެއް ޤަބޫލު ނުކުރާ މީހާ ވެސް އެ ޤައުމެއްގެ ޤާނޫނު އަސާސީ ބުނާ ގޮތަށް އެ ޤައުމެއްގައި އުޅުނީމާ އެއްވެސް މީހަކު ކަންބޮޑެއް ނުވާނެއެވެ. އެމީހަކަށް ކުރިމަތިވާނެ ޤާނޫނީ ހުރަހެއްވެސް ނުއޮންނާނެއެވެ. 

މިއަދު ރާއްޖޭގައި މައްސަލައަކަށް ވެގެން އުޅެނީ އެމީހާގެ ފިކުރަށް ޤައުމުގެ ޤާނޫނު އަސާސީ ބައްޓަން ކުރުވަން އުޅޭތީއެވެ. ރާއްޖޭގެ 340،000 މީހުންގެ ފިކުރަށް ޤާނޫނު އަސާސީ ހަދަން ވެއްޖެ ނަމަ ޖެހޭނީ 340،000 ޤާނޫނު އަސާސީ ހަދާށެވެ! އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގަ އެކަން ކުރާ ގޮތްކަމެއް އެނގިފައެއް ނެތެވެ. 

ރާއްޖެއަކީ މުސްލިމް ޤައުމެކެވެ. ޤާނޫނު އަސާސީގައި އޮތީ ދިވެހި ދައުލަތަކީ ސައްކައިން ސައްތަ މުސްލިމް ޤައުމެއް ކަމަށެވެ. އެގޮތުގައި ރާއްޖެ ދެމިއޮންނަތާ 900 އަހަރު ފުރެނީއެވެ. ވީމާ މީހަކު ނުވަތަ ބައަކު ތެދުވެފައި ކޭކެއް ފަޅާ ފަދައިން ރާއްޖޭގެ މުޅި ނިޒާމް ފަޅައި ފޮތިފޮތިކޮށްލަން މަސައްކަތްކުރި ނަމަވެސް އެކަމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެކަން އެގޮތަށް ކުރާކަށް ރައްޔިތުން ފުރުޞަތެއް ނުދޭނެއެވެ. މަޒުހަބީ ފިކުރު ތޔަފާތުވެދާނެއެވެ. ނަމަވެސް ކީރިތި ޤުރްއާނަށް އުނިކަމެއް ގެންނާކަށް ޞައްޙަ އެންމެ ދިވަހި ރައްޔިތަކު ވެސް ޤަބޫލެއް ނުވާނެއެވެ. 

ޤާނޫނު އަސާސީގައި އޮންނަ ޙައްޤުތައް ހޯދަން ބާރަށް ދުވާފަދައިން ޤާނޫނު އަސާސީގައި ބުނާ ގޮތަށް އަމަލުކުރަންވެސް ހިތްވަރު ހުރީމާ ހުރިހާ ކަމެއްވެސް ޙައްލު ކުރެވޭނެއެވެ. ޤާނޫނު އަސާސީއަކަށް އަމަލުކުރާ އެއްވެސް ޤައުމެއްގައި އެ ޤައުމުގެ ޤާނޫނު އަސާސީ އާއި ޚިލާފަށް އުޅުމުގެ ފުރުޞަތު ދުނިޔޭގެ އެއްވެސް ޤައުމަކުން ނުދޭކަން ޤަބޫލުކުރީމާ ހުރިހާ މައްސަލަތަކެއްވެސް ޙައްލުކުރެވޭނެއެވެ. 

ޤައުމުގައި އަމާންކަމާއި ޞުލްޙަ މަޞްލަހަތު ނަގަހައްޓައި ދަމަހައްޓަން ބޭނުން ނަމަ ދައުލަތަށްވެސް އޮތީ ޤާނޫނު އަސާސީ އަށް އަމަލުކުރުމެވެ! ކޮންމެ ޤައުމެއްގައިވެސް ހަމަޖެހުން އޮންނާނީ ރައްޔިތުންނާއި ދައުލަތް ހިމެނޭ ގޮތުން އެންމެން އެ ޤައުމެއްގެ ޤާނޫނު އަސާސީއަށް ޙުރުމަތްތެރިކޮށް ހިތި ވަރަކުންކަން އެއީ ދުނިޔެ ދައްކައިދެމުންދާ ޙަޤީޤަތެކެވެ.

މިއަދު އޮންލައިން