މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ދައުވާތަކުގެ ޝަރީޢަތް އާއްމުކޮށް ހުޅުވާލައިގެން ލައިވްކޮށްދެއްވުމަށް، ކްރިމިނަލް ކޯޓުގައި އެމަނިކުފާނު އެދިވަޑައިގެންފިއެވެ.
އަދީބުގެ ޤާނޫނީ ވަކީލު މަޙްފޫޒް ސައީދު ވިދާޅުވީ،އެޝަރީއަތް އާއްމުކޮށް ހުޅުވާލަން އަދީބު އެދިވަޑައިގަތީ އެމައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލައަކަށް ވާތީ ކަމަށާއި އަދީބު ބޭނުންފުޅުވަނީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ޝަރީޢަތް ކުރިއަށް ގެންދަން ކަމަށެވެ.
ޝަރީއަތް ލައިވްކޮށްދޭން އަދީބު އެދިވަޑައިގަތް އިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.
މި ޚިޔާނާތް އަލުން ތަހުގީގު ކުރަމުން އަންނަ އިރު، އެމްއެމްޕީއާރުސީ ފައިސާ އިން މަންފާ ލިބުނު މީހުން އަދީބު ވަނީ ފުލުހުންގެ ތަހުގީގަށް ކިޔައި ދެއްވައިފަ އެވެ. އޭގެތެރޭގައި، ސަރުކާރާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންގެ އިތުރުން ވެސް ސަރުކާރުގެ އިސް މަގާމްތަކުގައި އުޅުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.