ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދިންތަކަށް ބޭނުންވެގެން ޤައުމު ފަސާދަކޮށް ހަމަނުޖެހުން އުފެއްދުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުވަތަ ބައަކަށް ދިވެހި ރައްޔިތުން ނުދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ އާއި ބައެއް މެންބަރުން ގުޅުމަށް މިރޭ އެޕާޓީގެ މައި މަރުކަޒު، މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަން ޤާނޫނު އަސާސީގެ 2 ވަނަ މާއްދާއިން ވަރަށް ސާފު ކަމަށާއި ދިވެހި ރައްޔިތަކަށް ވެވޭނީ އިސްލާމަކަށްވެގެންކަން 10 ވަނަ މާއްދާއިން ވަރަށް ސާފު ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އެހެން ދީންތަކެއް ބޭނުންވެގެން އެކަމަށް މަސައްކަތްކޮށް ޤައުމުގައި ހަމަނުޖެހުން ހިންގަން އެއްވެސް ފުރުޞަތެއް ނުއޮންނާނެ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ ޤައުމެއްގައިވެސް ތަފާތު ފިކުރުގެ މީހުން އުޅޭ ކަމަށާއި ރާއްޖޭގައިވެސް އިސްލާމް ދީން ނޫން އެހެން ދީނެއް ބޭނުންވާ މީހަކުވެސް ހުރެދާނެ ކަމަށެވެ. އަދި އެފަދަ މީހަކު ހުރިނަމަވެސް އެމީހަކަސް ޖެހޭނީ ޤާނޫނު އަސާސީއަށް ބޯލަނބައި މަޑުން ހުންނަން ކަމަށެވެ. އެމީހާގެ ފިކުރު ފަތުރައި ޤައުމުގައި ޤައުމު ފަސާދަކުރުމުގެ ނުދެވޭނެ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ކުރި ކަންކަމާއި އެހެންވެސް ބައެއް ކަންކަން ފޮރުވުމުގެ ބޭނުމުގައި ރައްޔިތުންގެ ފޯކަސް ބަދަލުކުރުވުމުގެ ގޮތުން ތަފާތު ވާހަކަތައް ފަތުރާ މީހުން އުޅޭ ކަމަށާއި އެމީހުން ކުރަމުން ގެންދާ ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އެނގޭ ކަމަށެވެ.
"2،3 މެންބަރުން ގުޅިގެން ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭކަމަށް ބުނެ އަޑުއަރުވަމުން ގެންދާ 2،ބައަކު މަޖިލީހުގައިވެސް އެބަ އުޅޭ. އެމީހުން އެކުރަނީ ކީއްކަން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގޭ. މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކް ކިޔާ ބައަކު ކުރި ކަންކަން ހަނދާން ނައްތާލުވަން، އެކަންކަން އޮއްބާލުމުގެ ބޭނުމުގައި ބައަކު ތަބްލާ ޖެހިނަމަވެސް، ބެރު ޖެހި ނަމަވެސް އެއަށް ޑާންސުކުރާކަށް ދިވެހި ރައްޔިތުންނެއް ނެތޭ އިނގޭތޯ! އިހަށް ދުވަހު ނޫންތޯ ބުނީ ޖުމްހޫރީ ޕާޓީގެ ލީޑަރަކަށް ތިމަންނަމެންގެ ބޮލަކަށް ނޭރެވޭނެއޭ. ތިމަންނަމެން މިސަރުކާރު ވައްތާލަން ފުރުސަތު ދޭނެހޭ. މަޖިލިސް މެންބަރަކު އެހެން ވިދާޅުވި ވާހަކަ ނޫސްތަކުގަ ލިޔެފަ ހުއްޓާ ފެނުނު. ދެން މިއަދު މިދަނީ އެހެންތޯ؟ މިހެންތޯ މިދަނީ؟ މިކުޅޭ ކުޅިގަނޑު ނުއެނގޭ ހަމައެކަކު ވެސް ނެތޭ އިނގޭތޯ!"
އަނެއް ދިވެހިރާއްޖެއަކީ މީގެ 900 އަހަރުކުރިން ދިވެހިން އުޅުނު ގޮތާއި އުޅުނު ދީން ކަމަށާއި އެހެންކަމުން އަނެއް ދިވެހިރާއްޖެއަށް ދާން ބޭނުންވާ އެއްވެސް ޞައްޙަ ދިވެހި ރައްޔިތަކު ނެތް ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.