ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން )އެސްޓީއޯ)ގެ ސާފު ފައިދާ 25 އިންސައްތަ އިތުރު ވެފައިވާކަމަށް މި އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައި ބުނެފިއެވެ.
އެސްޓީއޯގެ ވެބްސައިޓްގައި ހޯމަ ދުވަހު އާއްމުކޮށްފައިވާ ރިޕޯޓުގައިވާގޮތުން މިދިއަ ކުއާޓަރގައި ކުންފުނީގެ ހިންގުމުގެ ޚަރަދުވެސް ވަނީ 12 މިލިއަން ރުފިޔާ ކުޑަކޮށްފައެވެ.
ޓެކުހަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ މިކުއާޓަރގެ ފައިދާ 112 މިލިއަން ރުފިޔާއަށް އަރައެވެ.
ތިންވަނަ ކުއާޓަރގެ ފައިދާ އިތުރު ވެފައިވާއިރު މި އަހަރުގެ ތިން ކުއާޓަރގެ ފައިދާ އެއްކޮށްލުމުން 2018 ވަނަ އަހަރުގެ ޖުމްލަ ފައިދާއަށްވުރެ މި އަހަރުގެ ތިންކުއާޓަރއިން އެސްޓީއޯއަށް ލިބިފައިވާ ފައިދާވަނީ ގާތްގަނޑަކަށް 30 އިންސައްތަ އިތުރުވެފައެވެ.
އެސްޓީއޯގެ ފައިދާ އިތުރުކޮށްފައި މިވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް މިފްކޯއަށް މިއަހަރުގެ މިހާތަނަށް 150 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމަށްފަހުކަން އެސްޓީއޯއިން ފާހަގަކުރެއެވެ.