ކުށްކުރާ މީހުންގެ ދިފާޢުގައި މަސައްކަތްކުރުމުން ޤައުމު ވެއްޓޭނީ ހަލާކުގެ ތެރެއަށް ކަމަށާއި ރާއްޖޭގެ ޤާނޫނު އަސާސީ އޮތީ ޤައުމިއްޔަތާއި ދީން ވަކިކުރެވޭނެ ގޮތަކަށް ނޫން ކަމަށާއި އަދި އެކަން ކުރަން އުޅޭ މީހާ ވާނީ ހަލާކު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރަން ޖުމްހޫރީ ޕާޓިން މިރޭ އެޕާޓީގެ މައި މަރުކަޒް މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ޤާނޫނު އަސާސީގައި އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު އެކަން ކުރަން ބައަކު ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރުމާއި ޖޯކް ޖެހުން ފަދަ ކަންކަން ކުރުން އިސްލާމް ދީނުގައި ނަހީކުރެވިގެންވާއިރު ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރުމާއި ޖޯކް ޖެހުން ފަދަ ކަންކަން ކުރުން ވަނީ އީޔޫ އާއި ބައިނަލްއަޤްވާމީ ކޯޓުތަކުންވެސް މަނާކޮށްފައި ކަމަށެވެ. ވީމާ އެފަދަ ކަންކަން އެއްވެސް މީހަކު ކުރުމަކީ އެއްވެސް ގޮތަކުން ހުއްދަ ކަމެއް ނޫން ކަމަށެވެ. ވީމާ އެފަދަ ކަންކަން އެއްވެސް މީހަކު ކުރާނަމަ އެމީހަކަށާއި ޤައުމަށް ލިބެމުން ދާނީ ގެއްލުން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ޤާނޫނު އަސާސީގައި މަނާކޮށްފައިވާ ކަންކަން ކުރުމުން އެކަންކުރީ ކޮންމެ މީހަކަށް ނަމަވެސް އެމީހަކަށް ޙައްޤު އަދަބު ލިބެން ޖެހޭނެ ކަމަށާއި އެއްވެސް މީހަކަށް ތަފާތުކޮށްގެން ނުވާނެ ކަމަށެވެ. އަދި ޤާނޫނު އަސާސީގައި މަނާކޮށްފައިވާ ކަމެއް ކުރުމުން އެމީހެއްގެ ޙައްޤުގައި ނުވަތަ ދިފާޢުގައި މަސައްކަތްކޮށްގެން ނުވާނެ ކަމަށާއި އެގޮތަށް މަސައްކަތްކުރުމުން މުޅި ޤައުމަށްވެސް ލިބޭނީ ގެއްލުން ކަމަށެވެ. އަދި ކުށްކުރާ މީހުންގެ ޙައްޤުގައި މުޅި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލައިގެން ނުވާނެ ކަމަށެވެ.
ދިވެހިން ހަނގުރާމަކުރަން ސީރިޔާއަށް ދާ މައްސަލައިގައި ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ގޮތުގައި ކޮންމެ ރައްޔިތަކުވެސް އިސްކަން ދޭންވީ ޤައުމާއި އެމީހެއްގެ ކަންކަން އިޞްލާޙްކުރަން ކަމަށެވެ. އަދި އަނބިދަރިން ދޫކޮށް ހަނގުރާމައަށް ގޮސް މަރުވުމުން ނިކަމެތިކަން ލިބެނީ އަނބިދަރިންނަށާއި މައިންބަފައިންނަށާއި އެމީހެއްގެ ޢާއިލާގެ މީހުންނަށް ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ އިސްލާމް ދީން ކުރިއަރުވަން ކަމަށެވެ. އިސްލާމް ދީން ނަގަހައްޓައި ދަމަހައްޓަން ކަމަށެވެ. އަދި ޑިމޮކްރަސީ އަކީ އިސްލާމް ދީނާއި އިންސާނިއްޔަތު ހަލާކުކުރުން ނޫން ކަމަށާއި ޑިމޮކްރަސީއަކީ ދީން ކުރިއަރުވައި ޤައުމިއްޔަތު ދިރުވައި އިންސާނިއްޔަތު ކުރިއަރުވައި ޚިދުމަތްކުރުން ކަމަށެވެ.
ޤާސިމް އިބްރާހީމް ވަނީ މާޒީގައި ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްލާމް ދީނުގެ ޙައްޤުގައި ޖިހާދު ކުރެއްވެވި އަބްޠާލުންގެ ޛިކުރާ އައުކުރައްވައި މާޒީން ޢިބްރަތް ޙާޞިލުކުރުމަށް ވަޞިއްޔަތް ކުރައްވައިފައެވެ.