އިލާހީ ދީނުގައި ދިވެހިން ތިއްބައި ޢަޤީދާ ބަދަލުކުރުވަން މަސައްކަތް ކުރަން ހެޔޮ ނުވާނެ: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އިލާހީ ދީނުގައި ދިވެހިން ތިއްބައި ޢަޤީދާ ބަދަލުކުރުވަން މަސައްކަތް ކުރަން ހެޔޮ ނުވާނެ: ޤާސިމް އިބްރާހީމް

ދިވެހި ރައްޔިތުން މިތިބީ އެންމެ މަތިވެރިވެވޮޑިގެންވާ ﷲ ތައާލާ ބާވައިލެއްވެވި އިލާހީ ދީނުގައި ކަމަށާއި އެހެންކަމުން ދިވެހިންގެ ދީނީ ޢަޤީދާ ބަލިކަށިކުރަން އެއްވެސް މީހަކު އެއްވެސް ކަމެއް ކުރަން ހެޔޮ ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓިއާއި އަލަށް ގުޅުނު މެންބަރުން ސޮއިކުރުމަށް ރޭ އެޕާޓީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދީނަކީ ހަމައެކަނި އިސްލާމް ދީން ކަމަށާއި ދިވެހިން މިތިބީ އެ މަތިވެރި ދީނުގައި ކަމަށެވެ. ނަމަވެސް މިއަދު މިފެންނަނީ ތަފާތު ކުލަތައް ޖައްސުވައިގެން، ތަފާތު އިބާރާތްތަކުން ވާހަކަ ދައްކައިގެން ދިވެހިންގެ ޢަޤީދާ ބަލިކަށިކުރަން މަސައްކަތްކުރެވޭތަން ކަމަށާއި އެފަދަ ކަންކަން ކުރަން އެއްގޮތަކަށްވެސް ހެޔޮ ނުވާނެ ކަމަށެވެ. 

"ކޮންފަދަ މުނާފިޤް އަމަލެއްތޯ މިހިންގަނީ؟ ހެޔޮ ނުވާނެ އިނގޭތޯ! ތިމާގެ މައިންބަފައިންނާއި ކާބަފައިން ވެސް ތިބީ ހަމަ އިސްލާމް ދީނުގަ. ވީމާ އިނގިރޭސި ބަހުން ދެއަކުރު އެނގުމަކުން ކަންކަން އެމީހަކު ބޭނުންވާހައި ގޮތަކަށް ބަދަލުކުރަން ތެޅިބާލަން ހެޔޮ ނުވާނެ! މިއީ ވަރަށް ގޮތްކުޑަ މުޑުދާރު އަމަލެއް. މިޤައުމު ފަސާދައިގެ ތެރެއަށް ވައްޓުވާލައިގެން ތެޅިފޮޅުވާ، އެންމެން އެންމެންނަށް ބަޑު މުސާރައަށް ބައްދުވައި ހަނގުރާމައަށް ނުކުންނާކަށް ނުޖެހެއޭ އިނގޭތޯ!" 

ޤާސިމް އިބްރާހީމް ވިދާޅުވީ ބައަކު ނުވަތަ މީހަކު އެގޮތަށް ކުރުވަން އުޅުނު ނަމަވެސް އެކަން އެގޮތަށް ކުރާހައި ދިވެހިން މޮޔަ ނޫން ކަމަށެވެ. "އަޅުގަނޑުމެން މިތިބީ ރައީސުލްޖުމްހޫރިއްޔާ އާއިއެކު ޤައުމާއިގެން ކުރިއަށްދާން އެމަނިކުފާނުގެ އަރިއަހުގަ. ޤައުމުގެ ރައްޔިތުންނަށް ބާޖަވެރިކަން ހޯދައިދިނުމަށް އަތުކުރި އޮޅާލައިގެން މަސައްކަތްކުރަން. ދޭތެރެ ޖައްސަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް ނުކުރެވޭނެ. ކިތަންމެ ފަހަރަކު ގައަށް ކަށިޖަހައިފި. އިތުރަށް ކަށިޖެހުމުގެ ފުރުޞަތެއް އަޅުގަނޑުމެން ނުދޭނަން އިނގޭތޯ!" 

ޤާސިމް އިބްރާހިމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވިފަދައިން ރައްޔިތުންނަށް ހަމަޖެހިލައިގެން ޤައުމުގައި ދިރިއުޅުމުގެ ފުރުޞަތު ދޭން ޖެހޭ ކަމަށެވެ. ހޫނު ތެޔޮ އެއްޗަކަށް ދިރިއޮތް ކޮރަކައްޔެއްލުމުން ތެޅިފޮޅޭ އުޞޫލުން ރައްޔިތުން އަބަދު ތަޅުވަން ނުވާނެ ކަމަށެވެ.  

ޤާސިމް އިބްރާހީމްގެ ވާހަކަފުޅު (އޯޑިއޯ):

މިއަދު އޮންލައިން