ރައީސުލްޖުމްހޫރިއްޔާއަށް އެންމެ ގިނަ ވޯޓު ދެނީ މާމިގިލީ ދާއިރާގެ ރައްޔިތުން - ވާކަމެއް ނެތް!: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ރައީސުލްޖުމްހޫރިއްޔާއަށް އެންމެ ގިނަ ވޯޓު ދެނީ މާމިގިލީ ދާއިރާގެ ރައްޔިތުން - ވާކަމެއް ނެތް!: ޤާސިމް އިބްރާހީމް

މުޅި ރާއްޖެއަށް ބެލި ނަމަވެސް ކޮންމެ ދައުރެއްގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް އެންމެ ގިނަ ވޯޓު ނިޞްބަތުން ދެނީ މާމިގިލީ ދާއިރާގެ ރައްޔިތުން ކަމަށާއި ނަމަވެސް ވެރިކަމުގެ ދައުރުގައި ވާކަމެއް ނުއޮންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި މާމިގިލި ދާއިރާއަށް 17.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މާމިގިލިއަށް ލިބިފައިވަނީ 4.2 މިލިއަން ރުފިޔާ ކަމަށެވެ. އަދި ފެންފުށްޓަށް ކަނޑައެލިފައިވަނީ 13.5 މިލިއަން ރުފިޔާ ކަމަށެވެ.

"މާމިގިލިއަށް 4.2 މިލިއަން ރުފިޔާ ލިބިފައިވުމަކީ ވަރަށް ހިތާމަކުރަން ޖެހޭ ކަމެއް. ދައުލަތުން ކޮނެދިން ބަނދަރެއް މާމިގިލިއަކު ނެތް. ދިވެހި ދައުލަތުން ކަރަންޓް ލައިދީފައެއް ނެތް. 2006 ވަނަ އަހަރުގެ ފަހުން އެއްވެސް ޢިމާރާތެއް އަޅުވައި ދެއްވާފައެއް ނެތް. މާމިގިލީގަ ބައިނަލްއަޤްވާމީ ޕޯޓެއް އެބަ އޮތް. އައްޑޫ ގަން ފިޔަވައި ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު އެއާޕޯޓް މާމިގިލިގައި އޮތް ނަމަވެސް އިންޓަރނޭޝަނަލް އެއާޕޯޓެއްގެ ޙައްޤުވެސް ކުރީ ސަރުކާރުން ފޭރިގެންފަ." 

ޤާސިމް އިބްރާހީމް ވިދާޅުވީ މިކަންކަން މިހެން ހުރި ނަމަވެސް ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ނެތް ކަމަށާއި ރަނގަޅު ފެންވަރުގެ ތައުލީމީ މަރުކަޒެއް އަދި ސްކޫލެއްވެސް ނެތް ކަމަށެވެ. އަދި މަގުތައްވެސް ރަނގަޅު ފެންވަރުގައި ހެދިފައި ނުވާ ކަމަށާއި ޕޮލިސް ސްޓޭޝަނެއް އަޅަން ބިން ވަކިކޮށްދިންތާ އެތައް އަހަރެއް ފާއިތުވެގެންދާއިރުވެސް ޢިމާރާތެއް އަޅާފައި ނުވާ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވަނީ މާގިލިއަކީ ސަރަހައްދުގެ ގިނަ ބައަކު ޚިދުމަތް ހޯދާ ރަށަކަށްވުމުން ރައްޔިތުންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ލިބެން ނެތްކަން ފާހަގަކުރައްވައި އެކަންކަން ވީހައި އަވަހަކަށް ޤާއިމުކޮށްދެއްވަން އެދިވަޑައިގެންފައެވެ. 

"ބަޖެޓަށް އަޅުގަނޑު ވޯޓުދޭނަން. އަދި ޖުމްހޫރީ ޕާޓީގެ ހުރިހާ މެންބަރުންވެސް ވޯޓު ދެއްވުމަށް ވެސް އަޅުގަނޑު އެދެން. ޤާނޫނުގައި އޮތީ ބަޖެޓަށް ބަދަލު ގެނެވިދާނެ ކަމަށާއި ބަޖެޓް ފާސްކުރަން ޖެހޭނެ ކަމަށް. ބަޖެޓް ފާސް ނުކުރީމާ ދައުލަތް ހިންގޭނެ ގޮތެއް ނޯންނާނެ. އެންމެ ކުޑަމިނުން މުސާރަވެސް ނުދެވޭނެ."

 

 

މިއަދު އޮންލައިން