އިންފްލުއެންޒާގެ ކޭސްތައް ގިނަ, ސިއްޙީ ޚިދުމަތްދޭ ހުރިހާ ސެންޓަރުތަކެއް އޮތީ ތައްޔާރަށް: އެޗްޕީއޭ

ކިޔުމަށް ހޭދަވާނީ 2މ 55ސ
އިންފްލުއެންޒާގެ ކޭސްތައް ގިނަ, ސިއްޙީ ޚިދުމަތްދޭ ހުރިހާ ސެންޓަރުތަކެއް އޮތީ ތައްޔާރަށް: އެޗްޕީއޭ

މިދުވަސްވަރަކީ ރާއްޖޭގައި އިންފްލުއެންޒާގެ ކޭސްތައް ގިނަވަމުންދާ ދުވަސްވަރެއްކަމުން، މިކަމަށް ސިއްޙީ ޚިދުމަތްދޭ ހުރިހާ ސެންޓަރުތަކެއް ތައްޔާރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނެވެފައިމިވަނީ، ރާއްޖޭގައި އިންފްލުއެންޒާ ބާރު ސްޕީޑެއްގައި ފެތުރެމުންދާއިރު، މިކަމަށް ބޭނުންވާ ބޭސްފަރުވާ ނެތްކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާން އަޙްމަދު ވިދާޅުވީ، މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ޤައުމުން ބޭރަށް ދަތުރުކުރާ ދުވަސްވަރެއްކަމުންނާއި، އުމުރާގެ އަޅުކަމުގެ ކަންކަން ކުރިއަށްދާ ދުވަސްވަރެއްކަމުން ގައިންގަޔަށް އަރާ އެކި ބަލިތަކާއި، އިންފްލުއެންޒާގެ ކޭސްތައް ގިނަ ވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.

ނިޝާން ވިދާޅުވީ، އިންފްލުއެންޒާއަކީ ވައިރަހައަކުން ޖެހޭ ބައްޔެއްކަމުން މި ބައްޔަށް ބޭސް ލިބޭނީ ހަމައެކަނި ސިއްޙީ ޚިދުމަތްދޭ ތަނެއްގެ ހުއްދައާއިއެކުގައި ކަމަށެވެ.

މީގެ ދެއަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި އިންފްލުއެންޒާ އައުޓްބްރޭކަށްފަހު މި ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ގިނަ މަސައްކަތްތަތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ ނިޝާންވަނީ، މި ބަލީގެ ކޭސްތައް ގިނަ ވުމުން ކަމަށް ސިއްޙީ ޚިދުމަތްދޭ ހުރިހާ ސެންޓަރތަކެއް ތައްޔާރުވެފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އިންފްލުއެންޒާ ބައްޔާ ބެހޭ ކްލިނިކަލް ގައިޑްލައިންގެ ދަށުން ސާމްޕަލް ޓެސްޓްކުރެވޭނެ އިންތިޒާމުވެސް ހުރިހާ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކެއްގައި ޤާއިމުކޮށްފައިވާކަމަށެވެ.

އިންފްލުއެންޒާ ރާއްޖޭގައި އިތުރުވަމުންދާތީ ކަމާ ގުޅުންހުރި ފަރާތްތަކުން ވަނީ އިންފްލުއެންޒާ ވެކްސިން ނުވަތަ ފްލޫ ޝޮޓް ޖެހުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކޮށްފައެވެ.

އިންފްލުއެންޒާ ވައިރަސްއަކީ އެކި ސަބަބުތަކާއި ލައިގެން އޭގެ ޒާތުގައި ކޮންމެ އަހަރަކުވެސް ބަދަލުވާ އެއްޗެކެވެ. އެހެންކަމުން މިވައިރަހަށް ދޭ ވެކްސިންވެސް ކޮންމެ ހަ މަހަކުން ވައިރަހަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހު ބަދަލުކުރަންޖެހެއެވެ. އިންފްލުއެންޒާ ވައިރަސް ފެތުރި ބަލި ގިނަވާނަމަ އިންފްލުއެންޒާ ޝޮޓު ނުވަތަ ވެކްސިން އެ މޫސުމެއްގައި ބާޒާރުގައި ހުރި އެއްޗެއް ޖެހުމަށް މާހިރުން ލަފާދެއެވެ. މިވެކްސިން ދޭ ކުދިންގެ ތެރެއިން ޢުމުރުން 6 މަހާއި 6 އަހަރާއި ދެމެދުގެ ކުދިންނަށް ފުރަތަމަ ޑޯޒު ދޭތާ މަހެއް ވާއިރު 2 ވަނަ ޑޯޒު ދޭންޖެހެއެވެ. ހުމާއި ރޯގާ އަދި ބޭރަށް ހިނގުމާއި ހޮޑުލުން އިތުރުވެފައިވާއިރު ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު ދުރާލާއެޅުމަށް ކަމާބެހޭ ފަރަތްތަކުން އިލްތިމާސްކުރެއެވެ.

ވައިރަހުން ޖެހޭ ބަލިތައް މަދުކުރުމަށް މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް މަދުކުރުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް މަސައްކަތްކުރުމާއި ބޭރަށް ނިކުންނައިރު އަތްދިގު އެއްޗިހި ލުމަށް އިސްކަންދިނުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި ޢާއްމުވަމުން އަންނަ ބަލިތައް ޢާއްމުގޮތެއްގައި ވިއްސާރަވުމާއި ގުޅިގެން އިތުރުވީނަމަވެސް މިއަހަރު މޫސުމަށް އަންނަމުންދާ ބަދަލާއެކު ބަލިތައް ފެތުރެމުންދާ މިންވަރަށްވެސް ބަދަލުތަކެއް އައިސްފައިވާކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން