ދީނީ ޢިލްމުވެރިންނަށް ހުރަސް އަޅައި ކަސްތޮޅު އަޅުވައި ވަކިބާވަތެއްގެ ކަންކަމުގައި ފްރޭމް ކުރަން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ އާއި އިތުރު މެންބަރުން ގުޅުމަށް އެ ޕާޓީގެ މައި މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ މިހާރު ފެންނަމުން މިދަނީ ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނަށް މަލާމާތް ކުރުމާއި ފުރައްސާރަކުރުމާއި ޖެއްސުން ކުރުމުގެ އަމަލުތައް ކަމަށެވެ. ވަކި ބާވަތެއްގެ ކަންކަމުގައި ވަކި މީހަކު ނުވަތަ ވަކި ބައަކު ފްރޭމްކުރަން ކުރާ މަސައްކަތް ކަމަށާއި މިބާވަތުގެ އަމަލުތަކަކީ އިސްލާމީ ރިވެތި އަޚުލާޤުން ބޭރުން ކުރާ ޢަމަލުތައް ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނަމަވެސް އިސްލާމް ދީނުގެ އުޞޫލުތަކާއި ޚިލާފް، އިސްލާމް ދީނަށް އުނިކަން ލިބޭނެ ވާހަކަތައް ދެއްކުން ޤާނޫނު އަސާސީ ހުއްދަ ނުކުރާ ކަމަށެވެ. އެކަންކަން ކުރާނަމަ ޖެހޭނީ އެކަންކަން ކުރެވޭނެ ގޮތަށް ޤާނޫނު އަސާސީ ބަދަލުކުރަން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ އިސްލާމް ދީނުގެ އުޞޫލުތައް ދޫނުކުރައްވާނެ ކަމަށާއި ސެކިޔުލާފިކުރަށް ދުވަހަކުވެސް އެއްބަސްވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ސެކިޔުލާ ފިކުރުން ރާއްޖެ ސަލާމަތްކޮށް އިސްލާމް ދީން ފުރިހަމަގޮތުގައި ރާއްޖޭގައި ނަގަހައްޓަވައި ދަމަހައްޓަވަން އަބަދުވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމަށެވެ. ޖުމްހޫރީ ޕާޓީ އަބަދުވެސް މަސައްކަތް ކުރާނީ އެކަމަށް ކަމުގެ ޔަޤީންކަން ދެއްވާ ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.