ޤާނޫނު އަސާސީގެ 9،10 ވަނަ މާއްދާ އުވާ ނުލެވޭނެ ކަމަށް ވިދާޅުވެ ޤާސިމް އިބްރާހީމް ޗެލެންޖު ކުރައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ޤާނޫނު އަސާސީގެ 9،10 ވަނަ މާއްދާ އުވާ ނުލެވޭނެ ކަމަށް ވިދާޅުވެ ޤާސިމް އިބްރާހީމް ޗެލެންޖު ކުރައްވައިފި!

މީހަކު ނުވަތަ ބައަކު ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް ޤާނޫނު އަސާސީގެ 9 ވަނަ މާއްދާ ޢާއި 10 ވަނަ މާއްދާ އުވައި ނުލެވޭނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ޗެލެންޖް ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީ އާއި އިތުރު މެންބަރުން ގުޅުމަށް މިރޭ އެ ޕާޓީގެ މައިމަރުކަޒު، މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ޤާނޫނުއަސާސީގައިވާ ގޮތުން އިސްލާމް ދީނަށް އިހާނެތިކޮށް ވާހަކަ ދެއްކުމަކީ ވަރަށް ބޮޑުކުށެއް ކަމަށާއި އެކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަމުން ގެންދަނީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށެވެ.

"މީހަކު އާވާރާވެގެން ދައްކާ ވާހަކައަކުން މި ޤައުމުން އިސްލާމް ދީން ފުނޑުފުނޑުކޮށްލަން ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެ! އިރާދަކުރެއްވިއްޔޤާނޫނު އަސާސީގެ 9 ވަނަ މާއްދާ އާ 10 ވަނަ މާއްދާ އަޅެ ނިކަން ބަދަލުކޮށްލަބަލަ! ބުނާނަން ސާބަހޭ! ތި ފޯރިއަރާ މީހުންނަށް! އަޅުގަނޑު ޗެލެންޖުކޮށްފަ މިބުނަނީ އެކަމެއް ނުކުރެވޭނެ! އިރާދަކުރެއްވިއްޔާ!" 

ޤާސިމް އިބްރާހީމް ވިދާޅުވީ އިސްލާމް ދީނަށް ނިކަމެތިކަން ލިބޭ ގޮތަށް ވާހަކަތައް ދެއްކުމުން ޤައުމު ވާނީ ފަސާދަ ކަމަށާއި އެކަން ކުރަން އެއްވެސް މީހަކު މަސައްކަތް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ފައްޅިތަކުން ފައިސާ ހޯދައިގެން އައިސް ބައަކު ރާއްޖޭގައި ކަންތައްތަކެއް ކުރަން އުޅުނު ނަމަވެސް އެކަން ނުކުރެވޭނެ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް ތަޢްރީފް ކުރައްވައިފައެވެ. "މިސްކިތްތަކުން ފެންނަމުން މިދަނީ އެބޭފުޅުންގެ މިންނަތް މަސައްކަތްތަކުގެ ނަތީޖާ!" 

މީގެ އިތުރުން ޤާސިމް އިބްރާހީމް ވިދާޅުވީ ދިވެހިންނަކީ ޒަމާނުންސުރެ އިސްލާމް ދީނަށް ލޯބިކުރުމުގައި ނަމޫނާ ބައެއް ކަމަށެވެ. "ދާދިފަހުން ވެސް އަޑުއިވިގެން އެދިއައީ އުމުރުން އެންމެ 6 އަހަރުގެ ތުއްތު ކުއްޖަކު ކީރިތި ޤުރްއާން ހިތުދަސްކުރި ވާހަކަ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު ރާއްޖޭގައި އިސްލާމް ދީން ދާނީ ކުރިއަރަމުން!"

 

 

މިއަދު އޮންލައިން