ކައުންސިލްތަކުގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގައިވެސް އަދި އެހެން މަޤާމަކަށް އައުމަށް ނަމަވެސް ދިވެހި އަންހެނުންނަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އަދަދު ކަނޑައަޅައިގެން ދޭ ނަމަ ހުރިހާ ކަމެއްގައިވެސް އެއް އުޞޫލަކުން ހަމަޖައްސަންވީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ކައުންސިލްތަކުގެ ވަކި އަދަދެއް ނުވަތަ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ދޭނަމަ މަޖިލީހުންވެސް ދޭންވީ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަންވެސް ކޮންމެ 3 ދައުރަކުން އެއް ދައުރު އަންހެނަކަށް ހަމަ ޖައްސަންވީ ނޫންތޯ ސުވާލުކުރައްވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިބިއިރު ތިބީ އެންމެ 4 އަންހެން މެންބަރުން ކަމަށެވެ. އެހެންކަމަށްވާއިރު މަޖިލިސް އިންތިޚާބުގައި އަންހެނުންނަށް އެ ފުރުޞަތު ނުދިނީ ކީއްވެގެންކަމާއިމެދު ސުވާލުކުރައްވާ ކަމަށެވެ. "ވޯޓުން މީހުން ހޮވާ ކަންކަމުގައި ވަކި ކޯޓާއެއް ވަކި ޖިންސަކަށް ކަނޑައެޅީމާ ގެއްލިގެން އެދަނީ ޙައްޤުތަކެއް. މިހާރު އޮތް ގޮތުން 100 އިންސައްތަ އަންހެނުންނަށްވެސް ކާމިޔާބުކުރެވިދާނެ. ނަމަވެސް ކޯޓާ ކަނޑައަޅައިފި ނަމަ ބައެއްގެ ޙައްޤުތައް ގެއްލިގެން އެބަދޭ."
ޤާސިމް އިބްރާހީމް ވިދާޅުވީ ޖިންސީ ގޮތުން ބަލައި އެއްވެސް ތަފާތެއް ކުރުމަކީ ޤާނޫނު އަސާސީ އާއި ޚިލާފް ކަމެއް ކަމަށެވެ. ޤާނޫނު އަސާސީގައި އޮންނާނީ 2 ޖިންސަށް ވެސް ހަމަހަމަ ފުރުޞަތުތަކެއް ދިނުމަށް ކަމަށެވެ. ވީމާ އެއްވެސް ޖިންސަކަށް ތަފާތުކުރުމަކީ ޤާނޫނު އަސާސީ ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
އަންހެނުންނަށް ކޯޓާ ކަނޑަނުއެޅި ނަމަވެސް މާރިޔާ، އީވާ އަދި ރޮޒައިނާ ފަދަ ބޭކަނބަލުން މަޖިލީހަށް ހޮވިވަދައިގަންވަމުންދާކަންވެސް ޤާސިމް އިބްރާހީމް ފާހަގަކުރެއްވިއެވެ.