ޙަޤީޤަތް އަންގައިދިނުމުގެ ނަމުގައި ލިޔެވޭ ބައެއް ލިޔުންތަކުން ޙަޤީޤަތް އެބަ އޮޅެއެވެ. އެއީ މާފަހުގެ ތާރީޚުން ކަންކަން ފަށާތީ ކަމަށްވެސް ވެދާނެއެވެ. މިސާލަކަށް ރައީސް މައުމޫންގެ ވިސްނުންފުޅު އެނބުރު ގޮތުގެ ވާހަކަ ދައްކާނަމަ ފަށަން ޖެހޭނީ އެއިރުގެ އިދިކޮޅާއި ގުޅިވަޑައިގެންނެވި ހިސާބަކުން ނޫނެވެ. ފަށަން ޖެހޭނީ ޕީޕީއެމްގެ ރައީސް ކަމުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެންނެވެ.
ދައްކަން ޖެހޭނީ ޕީޕީއެމްގެ ރައީސް އާއި ޤައުމުގެ ރައީސް ބައްދަލު ނުކުރެއްވި ދިއަ މުއްދަތެވެ. މަޝްވަރާ ނުކުރެއްވި ދިއަ މުއްދަތެވެ. ބާޒުތައް އުދުހި އައިސް ކުދި ފިޔޮއް ޖަހައިގަންނަ ބީދައިން ޕީޕީއެމްގެ ދުސްތޫރާއި ޚިލާފަށް ޕީޕީއެމްގެ ރައީސްކަން ޖަހައިގަތް ދުވަހުގެ ވާހަކަތައްވެސް ދައްކަން ވާނެއެވެ. ޕީޕީއެމް އޮފީހާއި ތަކެތި ޖަހައިގަތްވާހަކަ ވެސް ދައްކަން ޖެހޭނެއެވެ.
އެއިރު ރައީސް ޔާމީން ނޫން ސިޔާސީ ލީޑަރެއް ވަށައިގެން ރައީސް މައުމޫން އުޅުއްވި އެއްވެސް ތަނެއް ނުފެނެއެވެ. އަޑު އިވޭގޮތުންނަމަ ހުރިހާ ވެސް މައްސަލައަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ބަންދުކޮށްފަ އިންތިޚާބަށް ނުކުންނަން ކަހީނު ދިން ނަޞޭޙަތް ނޫންތޯއެވެ! އެކަހީނުގެ ކަހީނުކަމަށް މޮޅުވަރަކީ މި މޮޅު ނަޞޭޙަތްތައް ދިންއިރު އިންތިޚާބުގެ ކުރިން އޭނާ މަރުވާނެކަން އޭނާއަށް ނުއެނގުނުކަމެވެ.
ނޯށުކުރިއާ ހަމައަށް ފެންއަރުވާލީމަ ނުގެނބި ސަލާމަތްވާން މީހަކު ކުރާ މަސައްކަތް އެއީ ފިކުރު އެނބުރުން ކަމަށް ބަލާނީ ކިހިނަކުންހެއްޔެވެ؟ މިހިރީ ކޮންގޮތަކުން އަޅައި ކިޔޭނެ ކަންކަން ހެއްޔެވެ؟
ދެންވެސް މިއިވުނީ މުޅިން ތަފާތު ވާހަކައެކެވެ. ﷲ ތައާލާ ފިޔަވައި އެހެން ފަރާތްކަށް އަޅުކަން ކުރުމަށް ބުދުހަދައި ބުދު ވިއްކައިގެން ކައިބޮއި އުޅުނު އާޒަރުއަށް، މާތް ﷲ ގެ ޚަލީލް އިބްރާހީމްގެފާނު ކިޔަމަންތެރިވެވަޑައިގެން އެކަލޭގެފާނުގެ ބައްޕައާއިމެދު ކަންކަން ކުރެއްވި ގޮތުގެ ވާހަކައެވެ. މިވާހަކަ ޣައްސާނު މައުމޫނު އެބޭފުޅާގެ ބައްޕާފުޅާއިމެދު ކަންތައް ކުރެއްވެވި ގޮތުގެ ވާހަކަ އާއި ގުޅުވައިލެވުމުން މިދެކެވޭ ވާހަކައިގެ ފެންވަރާއި ޙަޤީޤަތް ޤަބޫލުކުރެއްވެވުން ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.
އަޅުކަން ކުރަން ބުދުހަދައި ބުދު ވިއްކުމަކީ އިސްލާމް ދީނުގެ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އެކަންކަން ކުރުން ހުއްޓައިލާތޯ ބައްޕައަށް ތަކުރާރުކޮށް ދިން ނަޞޭޙަތް ޤަބޫލުނުކުރުމުން އިބްރާހީމްގެފާނު ބައްޕަ އާއި ދުރަށް ޖެހިވަޑައިގަތީ މާތް ﷲގެ އަމުރުފުޅަށެވެ. މާތް ﷲ އަށް އުރެދުމެއް އޮތް އެއްވެސް ކަމެއްގައި މައިން ބަފައިންނަށް ވެސް ކިޔަމަންތެރި ނުވުމަށް މާތް ﷲ އަންގަވާފައިވާތީއެވެ.
ރައީސް މައުމޫނަކީވެސް އިންސާނަކަށް ވުމުން ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ހުންނަފަދައިން އުނި ކަންތައްތަކެއް ހުރެދާނެއެވެ. ނަމަވެސް ރައީސް މައުމޫނަކީ އެމަނިކުފާނުގެ ވިސްނުންފުޅު ތަންދިން މިންވަރަކުން އަބަދުވެސް އިސްލާމް ދީނަށް ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚިދުމަތް ކުރައްވާ ބޭފުޅެއް ކަމަށްވެސް ހެކިވާނެއެވެ.
ވީއިރު އާޒަރާއި އިބްރާހީމްގެފާނާއި މެދުގައި ކަންކަން ހިނގިގޮތް ރައީސް މައުމޫން އާއި ޣައްސާން މައުމޫނުގެ މެދުގައި ކަންކަން ހިނގި ގޮތާއި އަޅުވައި މިސާލު ޖެހޭނީ ވެސް ފަހެ ކިހިނަކުން ކަމާއިމެދު ސުވާލުއުފެދެއެވެ.
ކަންކަމުގެ ޙަޤީޤަތް ހާމަކުރުމަށް ކަމަށް ބުނެ ކަންކަން ހާމަކުރަން ޖެހޭނީ ކަންކަމުގެ ފުރިހަމަ ތަފްޞީލާއި އެކުގައެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވިއިރު ރައީސް ޔާމީނުގެ ނަމަކީ މާގިނަ ބައަކު ދަންނަ ނަމެއް ވެސް ނޫނެވެ. އެނަމަށް ވޯޓު ދިނީ ރައީސް މައުމޫނާއި ޤާސިމް އިބްރާހީމް އާއި އަދާލަތު ޕާޓީން ރައްޔިތުންނަށް ކުރި އާދޭހަށެވެ. ނަމަވެސް ވެރިކަމުގެ ހުވާ ހަމަ ކުރެވުމާއިއެކު ކަންކަން ބަދަލުކުރީ ނުބައި ނުލަފާ ޔަހޫދީން ވެސް ކަންކަން ބަދަލުނުކުރާނެ ގޮތަށެވެ.
ޙަޤީޤަތް އަންގައިދޭން އެބަ ޖެހެއެވެ. ހަޤީޤަތް އެނގިގެންދާނީ ހަޤީޤަތް ހާމަކޮށްގެންނެވެ. ރައީސް ޔާމީނަށް ވެރިކަން ލިބުމުން ރައީސް މައުމޫނު ހަފޮޅުން ބޭރުކޮށްލި ގޮތް ފޮރުވުމަކީ ރާއްޖޭގެ ޤަދީމީ ތާރީޚުގެ އިތުރުން ދުނިޔޭގެ ޤަދީމީ ތާރީޚުގެ ވާހަކަ ލިޔެގެންވެސް ކުރެވޭނެ ކަމެއް ނޫނެވެ.
އަދީބު ދުރުކޮށްލަން ބޭނުންވުމުން ލޯންޗެއް ގޮވިހެން، ކާނަލް ނާޒިމް ދުރުކޮށްލަން ބޭނުންވުމުން ކަރުގައި ފިސްތޯލައެއް އެޅުވިހެން ރައީސް މައުމޫން ހައްޔަރުކުރަންވެސް ބޭނުންކުރީ ރިޝްވަތާއި ނުފޫޒު ފޯރުވުމުގެ ބަދުނާމުކަން މިހާރު ވާނީ ވަރަށް ރަނގަޅަށް ހާމަވެފައެވެ. އެވަރަށް ފުލުހުން ލައްވައި ޑްރާމާ ކުޅުވިއިރުވެސް ހެއްކެއް އެބައޮތޭ ބުނުން ފިޔަވައި ދެއްކުނީ ކޮން އެއްޗެއް ހެއްޔެވެ؟
ފާޑުކިޔުމުގައި އިޚްލާޞްތެރިކަން ދައްކަން ވެސް އަބޫ ކައްޒާބު ފަދަ ނަންތައް ބޭނުން ނުކޮށް ތިމާއަކީ ކާކުކަން އެނގޭނެ ނަންނަމުގައި ލިޔުމުން އިތުބާރު ބޮޑުވާނެކަން ފާހަގަ ކުރެވެއެވެ. ފިލައި ތިބެ ލިޔަނީ ދޮގުފަތުރަން ކަމަށް ޤަބޫލުކުރެވުމުގެ ފުރުޞަތުވެސް ވަރަށް ބޮޑުވީމައެވެ.