ވަޒީފާގަ އިންޞާފުން ބޭރުވުމާ އިހްމާލުވުމަކީވެސް ކޮރަޕްޝަން! ނައްތާލަންޖެހޭ!: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ވަޒީފާގަ އިންޞާފުން ބޭރުވުމާ އިހްމާލުވުމަކީވެސް ކޮރަޕްޝަން! ނައްތާލަންޖެހޭ!: ޤާސިމް އިބްރާހީމް

ފައިސާއަށް ޚިޔާނާތްތެރިވުމުގެ އިތުރުން އެމީހަކު އަދާކުރާ ވަޒީފާއެއްގައި ބޭއިންޞާފުން ކަންކަން ކުރުމާއި އިހުމާލުވުމާއި ރައްޔިތުންނަސް ދޭން ޖެހޭ ޚިދުމަތް ނުދެވި ލަސްވުމަކީވެސް ކޮރޕަޝަނުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީން އަންހެނުންގެ ޙަރަކާތްތައް ހިންގަން މިރޭ އިފްތިތާޙްކުރި "ރަތްފިޔަ" އިފްތިތާޙް ކުރުމަށް ޕާޓީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ މީހަކަށްވެސް ފައިސާ ބޭނުންވާނެ ކަމަށާއި ލިބޭ މިންވަރު މަދުވެގެންވެސް އުޅެންޖެހޭނެ ކަމަށެވެ. ނަމަވެސް ލިބޭ މިންވަރަށް ޚަރަދުތައް ކުރަން ވިސްނައިގެން ކަންކަން ކުރާނަމަ ރަނގަޅު ގޮތްތައް ފެންނަމުންދާނެ ކަމަށެވެ. ރީތި، ތަހްޒީބު މުޖުތަމައުއެއް ބިނާކުރެވޭނީ އެންމެންވެސް ރިވެތި އަޚްލާޤުގެ ތެރެއިން ކަންކަން ކުރުމުން ކަމަށެވެ.

"ރާއްޖެއިން ކޮރަޕްޝަން ނައްތާލަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވަމުން އެގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށް އަޅުގަނޑު އެމަނިކުފާނަށް މަރުޙަބާ ދަންނަވަން. އެމަނިކުފާނު ވަނީ ކޮރަޕްޝަނުގެ މައްސަލަތައް ކާކުކަން ނުއެނގިވެސް ރިޕޯޓުކުރެވޭނެ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ ހޮޓްލައިނެއްވެސް ޤާއިމުރައްވާފަ. އެމަނިކުފާނަކީ އަޅުގަނޑު ވަރަށް ލޯބިވާ ވެރިއެއް."

ޤާސިމް އިބްރާހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޤާއިމުކޮށްދެއްވަވާފައިވާ ނިޒާމުގެ ތެރެއިން އެންމެންވެސް މައްސަލަތައް ރިޕޯޓްކޮށް ކޮރަޕްޝަނާއި ދެކޮޅަށް އެންމެންވެސް މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ. "އެންމެންގެ ބައިވެރިވުމާއިއެކު ނޫނީ އަޅުގަނޑުމެންގެ ތެރެއަށް ޢާންމުވެފައިވާ ކޮރަޕޮޝަން ނައްތާލަން ފަސޭހައެއް ނުވާނެ. އުޞޫލުތަކާއި ޤަވާއިދުތަކުގެ ތެރެއިން ކުރިއަށްދާން މަސައްކަތްކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ކޮރަޕްޝަނުން ސަލާމަތެއް ނުވެވޭނެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ފަހަކަށް އައިސް ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ގެއްލިގެން ދިއައީ ކޮރަޕްޝަނުގެ ސަބަބުން ކަމަށެވެ. "ކޮރަޕްޝަން މިއޮންނަނީ ހަމައެކަނި ފައިސާއަށްވާ ޚިޔާނާތަކުންވެސް ނޫން. އެމީހަކު އަދާކުރަންޖެހޭ ވަޒީފާގަ ބޭއިންޞާފުންނާ އިހްމާލުން ކުރެވޭ ކަންކަން އެއީ ވެސް ހަމަ ކޮރަޕްޝަން. ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުން ލަސްވެގެން ދިއުމަކީވެސް ހަމަ ކޮރަޕްޝަން. ސިޔާސީ މަޤާމެއްގަ ހުރި މީހަކު ނަމަވެސް، ސިވިލް ސަރވަންޓެއް ނަމަވެސް، އަދި ކުންފުންޏެއްގައި މަސައްކަތްކުރި ނަމަވެސް އެކަން އޮންނަން ޖެހޭނީ ހަމަ މި ބުނި ގޮތަށް ކަމަށް އަޅުގަނޑު ދެކެނީ." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން