ޓެރަރިޒަމްގެ ޤާނޫނު އިޞްލާޙް ކުރުމުގެ ނަމުގައި ފަހުން ގެނައި ބަދަލުތައް ގެނެސްފައިވަނީ އިސްލާމް ދީނުގެ ވާހަކަ ދެއްކުމުން ވެސް ހިފައި ހައްޔަރުކޮށް އެމީހެއްގެ މައްޗަށް ދައުވާ އުފުލޭ ގޮތަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން މިރޭ އދ މާމިގިލިގައި ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ޤާނޫނުތަކަށް ބަދަލުގެންނމުން ދަނީ ޙާޞިލުކުރަން ބޭނުންވާ މަޤްޞަދާއިމެދު ސުވާލު އުފެދޭނެ ގޮތަށް ކަމަށެވެ.
"އަޅުގަނޑު މިދައްކަނީ އިސްލާމް ދީނުގެ ވާހަކަ. ކްރިސްޓިއަން ނޫނީ އެހެން ދީނެއްގެ ވާހަކައެއް ނުދައްކަން. އެކަމަކު ބޭނުންވެއްޖެ ނަމަ އަޅުގަނޑުވެސް ހައްޔަރުކުރެވިދާނެ."
"ދާދިފަހުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސް، ކާކުކަން ނޭންގޭ ގޮތަކަށް ހެކިބަސްދެވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރީ ދީނާ ދެކޮޅަށް ދައްކާ ވާހަކަތަކަށް ރައްދުދޭ މީހުން ހިފެހެއްޓުމަށްތޯ؟" ސުވާލުކުރައްވައި ޤާސިމް އިބްރާހީމް ވިދާޅުވީ އެގޮތަށް ސިއްރުން ހެކިބަސް ދެވޭނަމަ ފައިސާކޮޅެއް ދިނުމުން މިޒަމާނުގައި މީހަކު ކޮންމެ ފަދަ ހެކިބަހެއްވެސް ދީފާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މީހަކަށް ކިތަންމެ ބޮޑު ގެއްލުމެއްވެސް ދެވިދާނެ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން މެދުނުކެނޑި އިސްލާމް ދީނާއި ހިލާފު ވާހަކަތައް ދައްކަމުންދާ ކަމމަށާއި އެކަމަކީ ގައުމުގައި ބައިބައިވުން އުފެދި، ހަމަނުޖެހުން އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އެހެން ކަމުން އެއްވެސް މީހަކު އެފަދަ ކަންކަން ނުކުރުމަށާއި އަދި އެފަދަ ވާހަކަތައް ދައްކަން ފުރުސަތު ދީގެން އަބަދު ނުތިބޭނެ ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.