އެމްޑީޑީއެން އުވާލުމަކީ ދިވެހިންނާ މުސްލިމް އުންމަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް! ޝުކުރިއްޔާ ރައީސް ޞާލިޙް!: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
އެމްޑީޑީއެން އުވާލުމަކީ ދިވެހިންނާ މުސްލިމް އުންމަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް! ޝުކުރިއްޔާ ރައީސް ޞާލިޙް!: ޤާސިމް އިބްރާހީމް

ﷲ ތައާލާ އަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށް ކީރިތި ޤުރްއާނާއި މެދު ޝައްކުތައް އުފައްދުވަން މަސައްކަތްކުރި އެމްޑީއެން ދިވެހި ސަރުކާރުން އުވާލުމަކީ ދިވެހިންނާއި މުސްލިމް އުންމަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހްއަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ޝުކުރު އަދާކުރައްވައިފިއެވެ.

ޤާސިމް އިބްރާހީމް މިރޭ ވިދާޅުވީ:  

މިއަދަކީ ދިވެހިންނާއި މުސްލިމް އުންމަތް އުފާކުރުން ޙައްޤު ދުވަހެކެވެ. ސަބަބަކީ ދިވެހިރާއްޖޭގައި އުފެދިގެން ދިއަ އެމްޑީއެން ކިޔާ ބައަކު ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ﷲ ގެ ކަލާމްފުޅާއިމެދުވެސް ޝައްކު އުފެދޭ ފަދަ ވާހަކަތަކެއް ދައްކައި އިސްލާމް ދީނާއި ރަސޫލް (ޞޢވ) އާއިމެދު ވަރަށް އިހާނެތި ގޮތަކަށް ކަންތައްތަކެއް ފަތުރާފައިވާތީ އެކަންކުރި އެމްޑީއެން އުވާލެއްވިކަން މިއަދު ސަރުކާރުން އިޢުލާނު ކުރެއްވިކަމެވެ.

އެއީ އަޅުގަނޑުމެން ވަރަށް އުފާކުރަން ޖެހޭ ކަމެކެވެ. އެހެންކަމުން ﷲ ތައާލާއަށް ޙަމްދާއި ޝުކުރުމަށް އަވަސްވެގަންނަމެވެ. އެއަށްފަހު ރައީސް އިބްރަހީމް މުޙައްމަދު ޞާލިޙް އިސްލާމްދީނަސްޓަކައި ދެއްވި ނަޞަރަށާއި ރާއްޖޭގެ ހަމަޖެހުމަށްޓަކައި މިފަދަ ފިޔަވަޅެއް އެޅުއްވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވަމެވެ. އަދި މިކަމުގައި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ އާއި ޔޫތް މިނިސްޓަރު އަޙްމަދު މަޚްލޫފް ދެއްކެވި ސާބިތުކަމަށްޓަކައި އެ 2 ބޭފުޅުންނަށް ވެސް ވަރަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ. އަދި އެ 2 ބޭފުޅުންގެ އިތުރުންވެސް މިކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެވަޑައިގެންދެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަމެވެ.

"އެއީ އެބޭފުޅުންނަށް ވަރަށް ޙައްޤު ޝުކުރެއް. ރަސޫލް (ޞޢވ) އަށާ އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކުންވެސް ދުނިޔެ ބަލައިގަންނަ ކަމެއް ނޫން. ބައިނަލް އަޤްވާމީ މުއައްސަސާތަކުން ވެސް ބަލައިގަންނަ ކަމެއް ނޫން." 

ފާއިތުވި 900 އަހަރު ފަދައިން ކުރިއަށް އޮތް ތަނުގައިވެސް ދިވެހިރާއްޖޭގައި ހަމަޖެހުން ސާބިތުވެގެންދާނީ އަޅުގަނޑުމެންނަށް މާތް ﷲ ދެއްވަވާފައިވާ އެންމެ ބޮޑު ނިޢްމަތްކަމުގައިވާ އިސްލާމް ދީނުގެ ހަމަތަކާއި އުޞޫލުތަކުގައި އަޅުގަނޑުމެން ދެމިތިބެގެންކަން އަޅުގަނޑުމެންގެ ޤާނޫނު ތަކާއި ޤާނޫނު އަސާސީ އިން ވެސް ސާބިތުކޮށްދޭތީ އެވެ. އަދި އެއަށްވުރެ ކުރިއަށް ޖެހި ބަލާލައިފި ނަމަ މިއީ ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް އެނގެން ހުރި ކަންކަމެވެ. 

ވީމާ މިހުރިހައި ސަބަބުތަކަށްޓަކައިވެސް އެމްޑީއެން އުވާލައްވަން ރައީސުލްޖުމްހޫރިއްވައި އެކަން ތަންފީޒުކުރެއްވުމުން އެކަމަށްޓަކައި އެމަނިކުފާނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

- ޤާސިމް އިބްރާހީމް 

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެ ރިޕޯޓް ކުށްވެރި ކުރައްވައި އެކަންކުރި އެމްޑީއެން އުވާލުމަށް ފުރަތަމަ ގޮވާލެއްވި ލީޑަރަކީވެސް އަދި ގޮވާލެއްވުން ތަކުރާރުކުރައްވަމުން ގެންދެވި ލީޑަރަކީވެސް ޤާސިމް އިބްރާހީމް އެވެ. ޤާސިމް އިބްރާހީމް ވަނީ އިސްލާމް ދީނާއި ދެކޮޅަށް ދީނުގެ ޢަދާވާތްތެރިން ހިންގާ މިފަދަ އަމަލުތަކަށް ދިވެހި ފަސްގަނޑުން ޖާގަ ދިނުމަކީ ދުވަހަކުވެސް ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. 

މީގެ އިތުރުން އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް ރާއްޖެއިން ޖާގަ ނުދެއްވާނެ ކަމަށް ފައުޅުގައި ވިދާޅުވަމުން ގެންދަވާ ލީޑަރަކީވެސް އެމަނިކުފާނެވެ. އަދި ބައަކު ކިތަންމެ ވަރަކަށް އެކަން ކުރަން ބޭނުންވި ނަމަވެސް ޤާނޫނު އަސާސީގައި ދިވެހި ރައްޔިތަކު ކަމުގައި ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ބަޔާންކުރާ މާއްދާތަކާއި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ބަޔާންކުރާ މާއްދާ އުވައި ނުލެވޭނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ގެންދަވަނީ ރައްޔިތުންނަށް ދެއްވަމުންނެވެ. 

މިއަދު އޮންލައިން