މަސްތުވާތަކެތި ބޭނުންކޮށްގެން ބިއްޖެހިފަ ތިބޭ މީހުން ގިނަވަނީ ﷲ ގެ ނިންމެވުން ބަދަލުކޮށް އަމިއްލައަށް ހެދި ޤާނޫނު އަތަށް "ގޮވާފަވާތީ!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
މަސްތުވާތަކެތި ބޭނުންކޮށްގެން ބިއްޖެހިފަ ތިބޭ މީހުން ގިނަވަނީ ﷲ ގެ ނިންމެވުން ބަދަލުކޮށް އަމިއްލައަށް ހެދި ޤާނޫނު އަތަށް "ގޮވާފަވާތީ!"

މިދުވަސްވަރުގެ ސޯޝަލް މީޑިއާއަށް ބަލައިފިނަމަ ކޮންމެވެސް ބައަކު މަގުމަތީގައި މަސްތުގެހާލަތުގައި މަގުމަތީގައި "ބިއްޖެހިފައި" ތިބޭ މަންޒަރު ކޮންމެ ދުވަހަކުހެން ދަނީ ފެންނަމުންނެވެ. އެކަމާއިމެދު ކަންބޮޑުވެ ހާމަކުރާ ޝުޢޫރުތައް ދަނީ ފެންނަމުންނެވެ. 

މިކަމުގެ ހަޤީޤީ ސަބަބަސް ބަލައިފިނަމަ ފާހަގަކުރަން ޖެހޭނީ މަސްތުވުމަކީ ކުށެއް ނޫން ކަމަށް ކަނޑައަޅައި އެއީ ބައްޔެއްކަމަށް ޤާނޫނަށް ގެނައި ބަދަލެވެ. ޤާނޫނުގައި ބުނަނީ ފަރުވާ ދިނުމަށެވެ. ނަމަވެސް އެބުނާ ފަރުވާއެއް ނުލިބި މަގުމަތީގައި މިހާރުވެސް 800 އާއި 1000 އާއި ދެމެދުގެ އަދަދަކަށް "ބަލިމީހުން" އެބައުޅެއެވެ. ފަރުވާ ދޭން ގެންދާނެ ތަންތަން ނެތުމުންނާއި ހުރިތަނުގައި ޖާގަ ނެތުމުން ކަމަށް ކަމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނާ އަޑުވެސް ދަނީ އިވެމުންނެވެ. 

މަސްތުވާތަކެތި ބޭނުން ކުރުމަކީ ކުށެއް ނޫން ކަމަށާއި އެއީ ފަރުވާ ދޭންޖެހޭ ބައްޔެއް ކަމަށް ޤާނޫނު ފާސްކުރިއިރު އެމީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމެއް ނެތެވެ. އެހެންކަމުން 1000 ވަރަކަށް މީހުން މިވަނީ އަދަބުވެސް، ފަރުވާ ވެސް ނުލިބި މަގުމަތިވެފައެވެ. މިކަމުގެ ޒިންމާ އުފުލާނެ ފަރާތެއް ނުފެނެއެވެ. 

މި ޤާނޫނު ފާސްކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މީހުންނާއި އދގެ ރުހުން ހޯދަން ކަމަށްވެދާނެއެވެ. އދ އިން މިފަދަ ނުބައިތައް ހައްދުވާއިރު ނިކަމެތިވާ މީހުންނަށް އދ އިން އެހީތެރިއެއް ނުވެއެވެ. ކުރާ ކަމަކީ ހަމައެކަނި ޙައްޤުތަކުގެ ނަމުގައި ވަކަލާތުކޮށް މުޖުތަމައުތަކަށް ވަބާ ޖެއްސުވުމެވެ. 

މިޤާނޫނަކީ މިކަމުގައި އިސްލާމް ދީނުގައި އޮތް ގޮތާއި ކަނޑައެޅިގެން ޚިލާފަށް ފާސްކޮށްފައިވާ ޤާނޫނެކެވެ. ސައުދި ޢަރަބިޔާގައިވެސް ފަރުވާ ދެނީ ފަރުވާއަށް އެދިގެން ދާ މީހުންނަށެވެ. ކުށުގެ ވެށިން އަތުލައިގަނެވުމުން ބަލަނީ ކުށްވެރިން ކަމަށެވެ. 

މަސްތުވާތަކެތީގެ މައްސަލަތަކުން ސަލާމަތްވުމުގައި ކިރިޔާވެސް ކުރިއެރުމެއް ހޯދިފައިވަނީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދޭ ޤައުމުތަކުގައެވެ. އެމީހުންނަކީ މުޖުތަމައު ފަސާދަކޮށް ރައްޔިތުން "ފުނޑުފުނޑުކުރާ" ބައަކަށް ވުމުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އިސްލާމް ދީނުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ދުނިޔޭގެ ދީނީ ޢިލްމުވެރިން ގެންދަވަނީ ފަތުވާ ދެއްވަމުންނެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެނީ ތައްޒީރީ އަދަބެއްގެ ގޮތުންނެވެ. އެއީ ދީނުގައި ކަނޑައެޅިގެން ވަކިގޮތަކަށް ބަޔާންކޮށްފައި ނެތް ކަންކަމުގައި މުޖުތަމައު އިޞްލާޙްކުރުމަށްޓަކައި ޙާކިމާއަށް ލިބިދޭ ބާރުގެދަށުން ދެވޭ އަދަބެވެ. އެއީ ޙާކިމާއަށް ލިބިގެންވާ ޙައްޤެކެވެ. 

ރާއްޖޭގެ ކޮންމެ ގޭ ބިސީއަކަށް މަސްތުވާ ތަކެތީގެ ވަބާ ވަދެފައިވާކަމަށް ބެލެވެނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ "ބަލި މީހަކޫ" ނެތް ޢާއިލާއެއް ހަމަ ވަރަށް މަދުކަމުންނެވެ. ވީމާ މިހުރިހާ ކަމަކަށް ދައުލަތުގެ ކަމާއިބެހޭ އެންމެހައި ފަރާތްތަކުން ވިސްނައި މި ބޮޑު ވަބާއިން މުޖުތަމައު ސަލާމަތްކުރަން މަސައްކަތްކުރަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން