ރައްޔިތުންނަށްޓަކައި ކުރަން ފެށި މަސައްކަތުގެ ނަތީޖާ އަންނަނީ ފެންނަމުން! ލޮޓި އާ ބޮނޑި ދިނަސް ހުއްޓާލުމެއް ނެތް!: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ރައްޔިތުންނަށްޓަކައި ކުރަން ފެށި މަސައްކަތުގެ ނަތީޖާ އަންނަނީ ފެންނަމުން! ލޮޓި އާ ބޮނޑި ދިނަސް ހުއްޓާލުމެއް ނެތް!: ޤާސިމް އިބްރާހީމް

ރައްޔިތުންނަށްޓަކައި ކުރައްވަން ފެށްޓެވި މަސައްކަތުގެ ނަތީޖާފެނި ރައްޔިތުންނަށް އަންނަނީ ފައިދާކުރަމުން ކަމަށާއި އެ މަސައްކަތްތައް ކުރައްވާތީ ލޮޓި އާއި ބޮނޑިދިން ނަމަވެސް މަސައްކަތް ހުއްޓަވައިލެއްވުމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީ އާއި އިތުރު މެންބަރުން ގުޅުމަށް ޕާޓީގެ މައި މަރުކަޒު މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންނަށް ރަނގަޅު ގޮތްތައް ހޯއްދަވައި ދެއްވަން މަސައްކަތްކުރައްވާތީ ވަރަށް ބޮޑެތި "ލޮޓި އާ ބޮނޑި" ތައް އަންނަނީ ލިބިވަޑައިގަންނަވަމުން ކަމަށާއި އެކަން ރައްޔިތުންނަށް ވާނީ ވަރަށް ރަނގަޅަށް ފެނިވަޑައިގެންފައި ކަމަށެވެ. 

"އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ ޑިމޮކްރަސީ އާއި އިންޞާފާއި  އެނޫންވެސް ރަނގަޅު ގޮތްތައް ހޯދައިދޭން. ދެފުށް ފެންނަ ގޮތަށް ސަރުކާރުގެ ކަންކަން ބައްޓަން ކުރުވުމަށް އަޅުގަނޑު މަސައްކަތްތައް ކުރަމުން މިގެންދަނީ. އެ މަސައްކަތް ކުރަމުން ގެންދާތީ 2008 ފަހުންވެސް އަދި އެއިގެ ކުރިންވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފަ. 

އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ އަމިއްލަ އެދުމެއް އޮވެގެން ކަމަށް އަޅުގަނޑާއި ޢަދާވާތްތެރިވެގެން އުޅޭ ބައަކު ބުނި ނަމަވެސް ބުއްދި ސަލާމަތުން ހުރި މީހަކަށް ނަމަ އެނގޭނެ އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ ދިވެހި ރައްޔިތުންގެ ޙައްޤުގައިކަން. ރައްޔިތުންނަށްޓަކައިކަން. ހަމައެކަނި ނަމަކުން ނޫންކަން. ބަހުންވެސް އަމަލުންވެސް އެކަން ސާބިތުވާކަން. މިކަން ދައުލަތުގެ މުއައްސަސާތަކަށްވެސް އެނގޭނެ." 

ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަފުޅު ނަފްސަށާއި އަމިއްލަފުޅު މަސައްކަތަށް އަދި އެމަނިކުފާނުގެ ޢާއިލާއަށްވެސް ފައިދާ ބޮޑީ "މިދައްކާ ވާހަކަތައް ނުދައްކައި މިކުރާ މަސައްކަތްތައް ނުކުރުންކަން ވެސް އެނގޭނެ" ކަމަށާއި ރަނގަޅު ހަމަ ބުއްދީގެ ވިސްނުމުން ވިސްނައި ފިކުރުކުރާ މީހަކަށް މިކަންކަން އެއްވެސް އޮޅުމެއް ނެތި ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

ޤާސިމް އިބްރާހީމްގެ ވާހަކަފުޅުން: 

"ވީމާ ރައްޔިތުންގެ ޙައްޤުތައް ފުރިހަމަ ގޮތުގައި ލިބިދީ އަދި ރައްޔިތުންނާއިމެދު ހަމައާއި އިންޞާފުން ކަންކަން ކުރަން ޖެހޭނެ ކަމަށް އަޅުގނޑު ބުނާ ބުނުމަށް ހުރަސް އަޅައި ކަންކަން ކުރަން ނުކުންނަ ބައަކާއިއެކުގައިތޯ ތިއަބޭފުޅުން ތިއްބަވާނީ ނޫނީ ރައްޔިތުންނަށްޓަކައި ޚިދުމަތްކުރަން މަސައްކަތްކުރާ އަޅުގަނޑާއިއެކުގައިތޯ ރައްޔިތުން ތިއްބަވާނީ އެއީ ރައްޔިތުން ނިންމަވަން އޮތް ކަމެއް. 

އެހެން ބައެއް މީހުން ފަދައިން އާދެ! އާދެ! ކިޔަން އަޅުގަނޑުވެސް ގޭގައި އޮތްނަމަ ޤާނޫނު އަސާސީ އިޞްލާޙްވެގެންދާނެ ކަމެއް ވެސް އަޅުގަނޑަކަށް ނޭނގެ. އެބާވަތުގެ ދަންނަވަން ނުއެނގޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. 

މިމަސައްކަތުގަ އަޅުގަނޑު ދެމިހުންނާތީ އަޅުގަނޑަށް ނަފްސާނީ ގޮތުންނާއި މާއްދީ ގޮތުން ވެސް ދުއްތުރާތައް ކުރިމަތިކުރަމުން އެބަ ގެންދޭ. ޢާއިލާއަށްވެސް ދަތިތައް ކުރިމަތިކުރުވަމުން އެބަ ގެންދޭ. ބަހުންނާއި އަމަލުންވެސް އަދި އެނޫންވެސް ކުރެވެން އޮތް ހުރިހާ ކަމެއް ގެންދަނީ ކުރަމުން. ނަމަވެސް އަޅުގަނޑު ކުރަން ފެށި މަސައްކަތްތަކުގެ ފައިދާ އަންނަނީ ރައްޔިތުންނަށް ކުރަމުން. ވީމާ ހުއްޓައިލާފަ ދުރަށް ދާ ހިތެއް ނެތް!"

މިއަދު އޮންލައިން