އިސްލާމް ދީނުގެ ޢަޤީދާ ފުނޑުފުނޑުކުރަން މަސައްކަތް ކުރުމަކީ ރޯވެފައިވާ ހުޅުގަނޑު އިތުރަށް ބޮޑުވެގެންދާނެ ކަމެއް!: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
އިސްލާމް ދީނުގެ ޢަޤީދާ ފުނޑުފުނޑުކުރަން މަސައްކަތް ކުރުމަކީ ރޯވެފައިވާ ހުޅުގަނޑު އިތުރަށް ބޮޑުވެގެންދާނެ ކަމެއް!: ޤާސިމް އިބްރާހީމް

ިސްލާމް ދީނުގެ ޢަޤީދާ ފުނޑުފުނޑުކުރަން މަސައްކަތް ކުރުމަކީ ރޯވެފައިވާ ހުޅުގަނޑު އިތުރަށް ބޮޑުވެގެންދާނެ ކަމެއް ކަމަށްވުމުން އެފަދަ އެއްވެސް ކަމެއް އެއްވެސް މީހަކު ނުކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އިލްތިމާސް ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި މަރުކަޒު މ. ކުނޫޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ދިވެހިންގެ އަތުގައި މިހައިތަނަށްވެސް އޮތް އެންމެ އަގު ބޮޑު ރައުސުލްމާލަކީ އިސްލާމް ދީނުގެ މަތިވެރި ޢަޤީދާ ކަމަށާއި އެ ޢަޤީދާ ފުނޑުފުނޑުކޮށްލަން، ޖޯކް ޖަހައި ވާހަކަ ދައްކަން ނުވަތަ ރަސޫލް (ޞޢވ) އަސް ޖޯކް ޖަހައި ފުރައްސާރަކޮށް ހަދަމުން ގެންދާއިރު މި ރޯކުރެވެނީ ކޮންކަހަލަ އަލިފާންގަނޑެއް ކަމާއިމެދު ވިސްނަން ޖެހޭނެ ކަމަށެވެ. އަދި މިހާރުވެސް ރޯވެފައިވާ އަލިފާންގަނޑުގެ ހުޅުގަނޑު އިތުރަށް ވަރުގަދަކުރަން ޕެޓްރޯލް އެޅެނީ ކަމާއިމެދު ވިސްނައި ބިރުގަންނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް އެދެމުން މިދަނީ މިބާވަތުގެ ކަންކަން އެއްވެސް މީހަކު ނުކުރުމަށް. އަޅުގަނޑުމެންގެ ޤާނޫނު އަސާސީ އާއި ރަސޫލް (ޞޢވ) އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވެވި ކީރިތި ޤުރްއާން ޤަބޫލުނުކުރާ ބައަކު އަޅުގަނޑުމެންގެ ތެރޭގައި ތިބިކަމަށް ޤަބޫލުކުރާ ހިތެއް އަޅުގަނޑު ނުވޭ. އިސްލާމް ދީނަށް ފުރައްސާރަކުރި އެމްޑީއެން އުވާލުމަކީ ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނު ކަމެއް. އެކަމުން އެނގިގެން ދިއައީ މިސަރުކާރުގެ ސބިތުކަން. އަޅުގަނޑު މި ސަރުކާރަށް ގޮވާލަނީ އެ ސާބިތުކަން ދަމަހައްޓަވަން."

ޤާސިމް އިބްރާހީމް ވިދާޅުވީ އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅައި ގޮސްގެން ނުވާނެ ކަމަށާއި ކަންކަމުގައި ބަސްބުނެ ކަންކަން އަމަލީ ގޮތުން ކުރަމުން ގެންދަން ޖެހޭނީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އިންތަކުގައި ކަމަށެވެ. "ޤައުމީ މަޞްލަހަތާއި ޤައުމުގެ އަމާންކަން ގެއްލިގެން ހިނގައިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. މިއަދު އަޅުގަނޑުމެން ފާހަގަކުރަން ޖެހޭ.. އެމްއެންޑީއެފުން މިހާރު އެވަނީ ޔެލޯ އެލަރޓް 2 އަށް މަތިކޮށްފަ، އެކަމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އަޅުގނޑު ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރަން."

ޤާސިމް އިބްރާހީމް ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުގައި އަބަދުވެސް މުސްލިމުންނަށް ގޯނާކުރަމުން ގެންދާއިރު އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވުމުން އަޅުގަނޑުމެންގެ ހިތަށް ތަދުވާ ތަދުވުންތަކެއް އެބަ އޮތް ކަމަށެވެ. އަދި ދުޢާ އަކީ މުސްލިމުންނަށް ގޯނާކޮށް ދުއްތުރާ ފިކުރުތަކުން އަޅުގަނޑުމެން، އެންމެހައި މުސްލިމުން ސަލާމަތްކޮށް ދެއްވެވުން.. މިނިވަންކަމާއިއެކު ކުރިއަރައި ދިއުމުގެ ހެޔޮ ނަޞީބު މުސްލިމުންނަށް މިންވަރުކޮށްދެއްވެވުން. އާމީން."

 

މިއަދު އޮންލައިން