އެސްޓީއޯގެ ޚާއްސަ ހަދިޔާއެއް، މިއަހަރު އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް!

ކިޔުމަށް ހޭދަވާނީ 2މ 8ސ
އެސްޓީއޯގެ ޚާއްސަ ހަދިޔާއެއް، މިއަހަރު އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް!

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިއަހަރު އުފަންވާ ކޮންމެ ކުއްޖަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޚާއްސަ ހަދިޔާއެއް ދޭން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި، އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް ގިފްޓް ހެމްޕާ އެއް އެސްޓީއޯ އިން ދޭން ފެށީ މިއަދުއެވެ.

އެގޮތުން އެގިފްޓް ހެމްޕާގައި ހިމެނެނީ ހަގީޒް ނެޕޭ ޕެކެޓަކާއި، ހަގީޒް ވެޓް ވައިޕްސް ފައިން ޓިޝޫ އާއި ޑްވޮންޑޭލް ކިރު ޕެކެޓެކެވެ.

އައިޖީއެމްއެޗް ގައި އުފަންވާ ކޮންމެ ތުއްތު ކުއްޖެއްގެ ބެލެނިވެރިއަކަށް ވައުޗަރެއް ދޭއިރު، އެ ވައުޗަރު ހިފައިގެން އެހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ފާމަސީއަށް ދިޔުމުން ހަދިޔާ ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ދެނީ، އުފަންވާ ކޮންމެ ކުއްޖަކަށް މިސަރުކާރުން ދޭން ވައުދުވި ގިފްޓް ޕެކް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް، މިއީ އެހަދިޔާ ނޫން ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ދޭން ވައުދުވި ހަދިޔާ މިއަދު ދޭން ފެށިކަމަށް ވެސް ބައެއް މީޑިއާތަކުގައިވަނީ މީގެކުރިން ރިޕޯޓު ކޮށްފައެވެ. ނަމަވެސް އެހަދިޔާ ދޭން އަދި ފަށާފައި ނުވާއިރު، އެހަދިޔާ ދޭނެ ސީދާ ތާރީޚެއް ވެސް ސަރުކާރުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދިނުމުގެ ވައުދު ފުރަތަމަ 90 ދުވަސް ތެރޭގައި ފުއްދުމަށް ކުރިން ވިދާޅުވެފައިވީ ނަމަވެސް، އެކިއެކި ސަބަބުތަކާއިހެދި އެވައުދު ފުއްދުން ވަނީ މިއަހަރަށް ފަސް ކުރެވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވާ "ގިފްޓް ޕެކް"ގެ މަސައްކަތް ކުރައްވަނީ އެންސްޕާގެ ފަރާތުންނެވެ. އެންސްޕާގެ ސީއީއޯ އިސްމާޢީލް އައްޒާމް ވަޖީޙް ވިދާޅުވީ މިކަމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލުތައް ޑްރާފްޓްކުރުމުގެ މަސައްކަތް މިއަހަރުކުރުމަށް ނިންމާފައިވާކަމަށެވެ.

އައްޒާމް ވިދާޅުވީ ރައިސްގެ ވަޢުދު ފުއްދުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލުތަކާއި ގަވާއިދުތައް އެކުލަވާލާ ކެބިނެޓުގެ ރުހުން ހޯދުމުގެ މަސައްކަތް ކުރުމަށް މިއަހަރުތެރޭގައި ހަމަޖެހިފައިވާކަމަށެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮށްޓަކާ އެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ "ބޭބީ ބޮކްސް" ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުގެ ވައުދުގައި ވަނީ ބުނެފަ އެވެ.

މިއަދު އޮންލައިން