އޮސްޓްރޭލިއާގެ ކެންބަރާގަ މިއަދު ނޭވާވެސް ނުލެވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އޮސްޓްރޭލިއާގެ ކެންބަރާގަ މިއަދު ނޭވާވެސް ނުލެވޭ!

އޮސްޓްރޭލިއާގައި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން ޖައްވު ނުސާފުވެފައިވާތީ ކެންބަރާގައި ނޭވާ ވެސް ނުލެވޭ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެއްސަކު މިއަދު ވިދާޅުވީ ރޯވި އަލިފާންގަނޑު އަނދާ ބާރުމިން ތަންކޮޅެއް ކުޑަވި ނަމަވެސް އަދިވެސް ދަނީ އަނދަމުން ކަމަށެވެ. "ރޯވެގެން އެއުޅެނީ ޔޫރަޕްގެ 2،3 ޤައުމު ވަރުގެ ބޮޑު ސަރަހައްދެއްގަ. އެކަމުގެ އަސަރު މުޅި އޮސްޓްރޭލިއާއަށް ވެސް ވަނީ ކޮށްފަ. މިއަދު ހެނދުނު ކުޑަވާރޭކޮޅެއް ވެހުނު. އެ ވިލާގަނޑު މިހާރު ދަތުރުކުރަނީ އަލިފާން ހިފާފައިވާ ސަރަހައްދާ ދިމާއަށް. ނަމަވެސް އެހައި ކުޑަ ފެންފޮދަކުން މާބޮޑު އަސަރެއް ނުކުރާނެ." ކަމަށް އޭނާ ބުނެފައިވެއެވެ.

މިއަދުގެ މިހައިތަނަށް ބަލައިފިނަމަ ނިޔު ސައުތު ވޭލްސްގައި އިތުރު އިންޒާރެއް ނުނެރެއެވެ. ނަމަވެސް ވިކްޓޯރިއާގައި ވަނީ އިންޒާރެއް ނެރެފައެވެ. މަލަކޫޓާއިން މީހުން ހުސްކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ސަރަހައްދު ދޫކޮށް ދާން ބޭނުންވާ މީހުންނަށް އެކަމުގެ ފުރުޞަތު ވަނީ ދީފައެވެ.

އޮސްޓްރޭލިއާގެ ރައްޔިތުން މިއަދު އެދިއެދި ތިބީ ބޯކޮށް ވާރޭ ވެހުމަށެވެ. އެކަން މިންވަރު ކުރެއްވެވޭނެ ހަމައެކަނި ފަރާތަކީ މާތް ﷲ އެވެ. އެކަން އެމީހުންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. ބޭރުފުށަށް ކޮންމެ ބަހެއް ބުނި ނަމަވެސް ހިތުގެ އަޑިން މިއަދު އެކަމަށް އެދި ދުޢާ ކުރާނެއެވެ.

މިއަދު އޮންލައިން