ލަންކާއިން ހައްޔަރުކުރި ދެ ދިވެއްސެއްގެ މައްސަލަ ކޯޓަށް!

ކިޔުމަށް ހޭދަވާނީ 1މ 9ސ
ލަންކާއިން ހައްޔަރުކުރި ދެ ދިވެއްސެއްގެ މައްސަލަ ކޯޓަށް!

އަވަށްޓެރި ޝްރީލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ 12 ދިވެހިންގެ ތެރެއިން ދެ މީހެއްގެ މައްސަލަ މިއަދު ކޯޓަށް ފޮނުވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ދިވެހި ފިރިހެނެއްގެ މައްސަލަ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ކޯޓަށް ފޮނުވި ދެމީހުންގެ ތެރެއިން އެކަކީ ނުވަ މަސް ދުވަހު ވިސާ ނެތި ލަންކާގައި އުޅެ، އަދި ދިވެހި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތާ އަށް މަސްވެފައިވާ މީހެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ދެވަނަ މީހާގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރުގައި އުޅެ، ލަންކާއަށް އެތެރެކުރުން މަނާ ސިނގިރޭޓްގެ ބާވަތެއް އެތެރެކޮށް، ބޭނުންކުރުމުގެ ތުހުމަތުގައި ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ވިސާނެތިއާއި އެތެރެކުރުން މަނާ ސިނގިރޭޓެއް އެތެރެ ކޮށްގެން 12 ދިވެހި ލަންކާއިން ރޭ ހައްޔަރުކޮށްފައިވާއިރު، ފޮރިން މިނިސްޓްރީން ވަނީ ސްރީ ލަންކާގައި ދިރިއުޅޭ ރައްޔިތުން ގެއިން ބޭރަށް ނިކުންނައިރު ޕާސްޕޯޓް ގެންގުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ވިސާގެ މުއްދަތު ހަމަވެފައިވޭތޯ ބެލުމަށްވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

މިއަދު އޮންލައިން