މިއަދުގެ ވަގުތެއްގައި މާލޭ ޖަލުގައި ގައިދީންތަކަކާއި ބަންދުގައިތިބި ބަޔަކު އިހުތިޖާޖްކޮށް، މާލޭ ޖަލުގައި ރޯ ކޮށްލައިފިކަމަށް ފެތުރެމުން އަންނަ ވާހަކަ ކަރެކްޝަނަލް ސާވިސް އިން ދޮގު ކޮށްފިއެވެ.
ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރ އަޙްމަދު ނަސީމް "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގާފައިނުވާ ކަމަށާއި ރޭގެ ވަގުތުގައި ބައެއް ގައިދީން ނުކައި ހުރުން ނޫން އިތުރުކަމެއް ހިނގާފައިނުވާ ކަމަށެވެ.
"ހަންގަރ ސްޓްރައިކެއް ކޮށްގެނެއް ނޫން އުޅެނީ. އެކަމަކު މިދުވަސްކޮޅު ހިތްހަމަ ނުޖެހިގެން އެގޮތަށް އެއްފަހަރު ކެއިއްޔާ އަނެއްފަހަރު ނުކައި ތިބެނީ" ނަސީމް ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާއެއް މާލޭޖަލުގައި ހިނގައިގެން އުޅޭކަމުގެ ރިޕޯޓެއް އެމްއެންޑީއެފް އަށްވެސް ލިބިފައިނުވާ ކަމަށް، އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވެސް ވަނީ ވިދާޅުވެފައެވެ.
ބައެއް ފަރާތްތަކުން ޚަބަރުފަތުރާފައިވާ ގޮތުގައި، މާލެ ޖަލުގައިތިބި ގައިދީންތަކެއް ރޯކޮށްލީ ދެ ބާލީހެކެވެ. ނަމަވެސް ރޯކޮށްލީ ދެ ބާލީހުގައި ނޫން ކަމަށާއި، ކުނަލެއްގައި ރޯކޮށްލާފައި ކޮރިޑޯއަށް އެއްލާލީ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މި ދެ ހާލަތް މެދުވެރިވެގެން ވެސް، ރޯ ކޮށްލީ މާލޭ ޖަލުގައި ކަމަށް ބެލެވޭކަށް ނެތެވެ.