މިސަރުކާރު ވެރިކަމާ ޙަވާލުވީފަހުން، ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާ، އަދިވެސް އިތުރު މަސައްކަތްތައް ކުރިއަށް ގެންދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
މާފުށީޖަލުގައި ބަންދުކޮށްފައި ތިބި ބަޔަކު ހިންގި ހަމަ ނުޖެހުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މުނާޒް ވަނީ މިސަރުކާރުން ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ކުރެއްވި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ.
އެއްކަމެއްގެ ގޮތުގައި މުނާޒް ފާހަގަ ކުރީ ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމަށް ދިމާވާ ދަތިތައް ޙައްލު ކުރުމަށް ކުރެވިފައިވާ އަދި ކުރަންފަށާފައިވާ މަސައްކަތްތަކެވެ. މުނާޒް ވިދާޅުވީ އައިޖީއެމްއެޗްގައި ތިބޭ ސުޕެޝަލިސްޓް ޑޮކްޓަރުނަށް ދެއްކުމަށް ކޮންމެ ޑޮކްޓަރަކުވެސް މިހާރު އެއް ނަމްބަރު ގައިދީނަށް ހާއްސަކުރާ ކަމަށެވެ. މިހާރު ކޮންމެ ގައިދީއަކުވެސް ޖަލަށް ގެނެވުމާއެކު އެމީހެއްގެ ބަލި ހާލަތު ދެނެގަތުމަށް އެސެސްމެންޓްތައް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕްރިޒަންސް އޮފިސަރުންގެ މަސައްކަތަކީ ހަމައެކަނި ޖަލުގޮޅިތަކުގައި ތިބޭ މީހުން ބާރުގެ ބޭނުންކޮށްގެން ބެލެހެއްޓުން ކަމަށް މިއަދު ކަރެކްޝަނަލް ސަރވިސް އިން ގަބޫލު ނުކުރާ ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ޕްރިޒަންސް އޮފިސަރުންގެ މަސައްކަތަކީ ޖަލުގައި ތިބޭ މީހުން އިސްލާހްކޮށް އަލުން މުޖުތަމައުއަށް ނެރެދިނުން ކަމަށް ދެކިގެން ޕްރިޒަންސް އޮފިސަރުންނަށް އެކަމާ ގުޅޭ ތަމްރީންތައް ދޭން ފަށާފައިވާ ކަމަށް ވެސް މުނާޒް ވިދާޅުވިއެވެ.
ގައިދީންނާއި ބަންދުގައިތިބޭ މީހުން އެކި ފަރާތްތަކަށް ފޮނުވާ ސިޓީތައް އެ ފޮނުވި ފަރާތައް ނުލިބޭ ކަމުގެ ޝަކުވާ މީގެ ކުރިން ލިބެމުންދާތީ ސިޓީ ލިބުމުން އެ ފަރާތުގެ ސޮއިއާއެކު ލިޔުމެއް ފޮނުވި ފަރާތައް ލިބޭނެ ގޮތް މިހާރު ހަމަ ޖައްސާފައިވާ ކަމަށް ވެސް މުނާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ޖަލުތަކުގައި ބަންދުގައި ތިބޭ މީހުން ބެލެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމަށް މިހާރު ވަނީ ކޮންމެ ސަތޭކަ މީހަކަށް އެއް ވެލްފެއާ އޮފިސަރަކާއި މެޑިކަލް އޮފިސަރެއް ހަމަ ޖައްސާފައިވާ ކަމަށެވެ. މިހާރު އޮފިސަރުންނަށް ދޭން ޖެހޭ ތަމްރީންތައް ދިނުމުގެ މަސައްކަތް ކުރާ ކަމަށެވެ.
"ވެލްފެއާ އޮފިސަރުގެ ޒިންމާއަކީ އޭނާގެ ބެލުމުގެ ދަށުގެ ތިބިމީހުނަށް އަންނައުނު ފޯރުކޮށްދިނުމާއި ފޯނުކޯލް ފޯރުކޮށްދިނުމާއި ފޯނުކޯލް ނުނަގާނަމަ ނުގަނީ ކީއްވެތޯ ބަލައި އެކަން ހައްލުކޮށްދިނުމާއި މިކަހަލަ އޭނާއަށް ބޭނުންވާ އަސާސީ ކަންކަން ކޮށްދިނުން،" މުނާޒް ވިދާޅުވިއެވެ.