އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އަލަށް ފަށާ ޚިދުމަތެއް ކަމަށްވާ ޕްރީނޭޓަލް ސްކްރީނިން އާއި ނިއުބޯން ސްކްރީނިންގެ ޚިދުމަތާއި ގުޅޭ ވާރކްޝޮޕެއް މިމަހުގެ 15 (މާދަމާ) އާއި 16 ވަނަ ދުވަހު އެސްޓީއޯއިން އައިޖީއެމްއެޗް ހޮސްޕިޓަލާއި ގުޅިގެން އެހޮސްޕިޓަލްގައި ކުރިއަށް ގެންދާނެއެވެ.
ޕްރީނޭޓަލް ސްކްރީނިންއަކީ މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނައިރު އެކުއްޖާ ބައެއް ބަލިތަކަށް ސްކްރީން ކުރެވި ލެބޯރެޓަރީ ޓެސްޓުތަކެއްގެ އެހީގައި އެކަންކަން ދުރާލައި ދެނެގަތުމަށް މަގުފަހިވެގެންދާ ޚިދުމަތެކެވެ. އަދި ނިއުބޯން ސްކްރީނިންގެ ޚިދުމަތްތަކީ ވިހެއުމަށްފަހު ކުދިން އުފެދުމުގައި ހުރެދާނެ ބައެއް ބަލިތައް ދެނެގަތުމަށް، ލެބޯރެޓަރީ ޓެސްޓުތަކެއްގެ އެހީގައި ދެވޭ ސްކްރީން ކުރުމުގެ ޚިދުމަތެކެވެ.
ޕްރީނޭޓަލް ސްކްރީނިންއާއި ނިއުބޯން ސްކްރީނިން ހެދުމަށް ބޭނުންވާ ވަސީލަތްތައް އަޖީއެމް ހޮސްޕިޓަލަށް ފޯރުކޮށްދީފައިވަނީ އެސްޓީއޯއިންނެވެ. އެސްޓީއޯ މެޑިކަލްސްގެ ސީނައަރ ޖެނެރަލް މެނޭޖަރ އަޙްމަދު ޝިފާން ވިދާޅުވި ގޮތުގައި މިޚިދުމަތް ފެށުމުގަޔާއި މިކަމާގުޅޭ ވާރކްޝޮޕްތައް ކުރިއަށް ގެންދިއުމުގައި އެސްޓީއޯއިން އިސް ދައުރެއް އަދާކުރާ މައިގަނޑު ސަބަބަކީ މިކަމުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރާނެ ފައިދާ ބޮޑުވުމެވެ. އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނަ ބޭސް އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދޭ ފަރާތްކަމަށްވެފައި، ކުންފުނީގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖޭގެ ސިއްހީ ހިދުމަތްތައް ކުރިއަރުވާ އަދި ފައިދާކުރާނެ އެކިއެކި ކަންކަން ތަޢާރަފްކުރުމުގެ މަސައްކަތަކީ ކުންފުނިން ވަރަށް އަހައްމިއްޔަތު ކަމެއްދީގެން ކުރާ ކަމެކެވެ. މިގޮތުން އަލަށް އުފަންވާ ކުދިންނާ މާބަނޑު މީހުން ސްކްރީނިންގ ޓެސްޓް ހެދުމަށް ބޭނުންވާ މެޝިނާއި ބެހޭގޮތުން އައިޖީއެމްއެޗްގެ މިކަންތައްތަކުގައި އުޅުއްވާ ޑޮކްޓަރުންނާއި މަޝްވަރާކުރެވި، މިހިދުމަތްދެވޭނެ އިންތިޒާމް މިއަދު މިވަނީ ހަމަޖެހިފައެވެ. މިކަމަކީ ކުރިންނަމަ، ރާއްޖެ އިން ބޭރަށް ގޮސް ނުވަތަ ސާމްޕަލް ފޮނުވައިގެން ހެދެން ހުންނަ ޓެސްޓްތަކެކެވެ. މިކަމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުން ދޭ ހިދުމަތްތައް ކުރިއެރުމުގެ އިތުރުން މިކަމަށް އެެދި ބޭނުންވެފައި ތިބި ރައްޔިތުންނަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަމުގައި ދެކެމެވެ.
ޕްރީނޭޓަލް އަދި ނިއުބޯން ސްކްރީނިންގެ ސަބަބުން ޅަފަތުގައި ކުދިން މަރުވާ ސަބަބުތައް ދެނެގަނެ، އެ ކުދިންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމާއި، އެކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު އިތުރުކޮށްދެއެވެ.