ޓޯކިޔޯ: ޖަޕާނުން ވެސް މިހާތަނަށް ހަތް މީހެއްގެ ގައިން ކޮރޯނާ ވައިރަސް ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކީ އަދި ދުވަހަކުވެސް ޗައިނާއަށް ގޮސްފައިނުވާ މީހެއް ކަމަށް، ޖަޕާނު ސަރުކާރުން ބުނެފިއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ޗައިނާގެ ވުހާން އަށްވެސް ގޮސްފައިނުވާ ޖަޕާނުގެ އެމީހާއަކީ، ޗައިނާގެ ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ބަސް ޑްރައިވަރެކެވެ.
އުމުރުން 60 އަހަރު ފުރިފައިވާ އެމީހާވަނީ ޗައިނާގެ ވުހާންއަށް ނިސްބަތްވާ ބައެއް ފަތުރުވެރިން ވެސް ގޮވައިގެން ޖަޕާނުގެ ޓުއަރ އެއް ދިނުމަށް ބަހުގައި ދަތުރުކޮށްފައެވެ. އެމީހާއަކީ ކޮރޯނާ ވައިރަސް ޖަޕާނުން ފެނުނު ފުރަތަމަ މީހާއެވެ.
ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި، އެމީހާ ޓުއަރ ދީފައިވަނީ ޓޯކިޔޯ އާއި އޮސާކާއި އާއި ދެމެދު މިމަހުގެ 8 އިން ފެށިގެން 16 އާއި ހަމައަށެވެ. އަދި ބަސް ޑްރައިވަރުގެ ފަރާތުން އިތުރު ބަޔަކަށްވެސް މިބަލި ވާރުތަކޮށްފައިވާ ކަމަށް އެސަރުކާރުން ބުނެފައިވެއެވެ.
ކޮރޯނާވައިރަސް ފެނުނު ބަސް ޑްރައިވަރަކީ ނާރާ އަށް ނިސްބަތްވާ މީހެކެވެ. ވައިރަސްގެ ސަބަބުން އޭނާއަށް ނިއުމޯނިއާ ޖެހުން ކަމަށާއި މިހާރު އޭނާހުރި އެނދުމަތި ކުރެވިފައި ކަމަށް ވެސް ޖަޕާނު ސަރުކާރުން މައުލޫމާތު ދެއެވެ.
މީގެއިތުރުން ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނީ، އުމުރުން 40 އަހަރުގެ ވުހާން ގެ ރައްޔިތަކަށް ވެސް ނިއުމޯނިއާ ޖެހިފައިވާ ކަމަށާއި އައިޗީގެ ސެންޓްރަލް ހޮސްޕިޓަލުގައި އޭނާ އެނދުމަތި ކޮށްފައިވާ ކަމަށެވެ. އެމީހާ ޖަޕާނަށް ގޮސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
ޖަޕާނުގައި މިބަލި އެންމެ ފަހުން ޖެހުނު ތިން މީހުންގެ ހާލު މިވަގުތު އެހާ ސީރިއަސް ނޫން ކަމަށެވެ.