އިންޑިއާގެ ކެރަލާ ސްޓޭޓްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރުމާއި ގުޅިގެން ކޮންމެހެން ދާންޖެހިގެން ނޫނީ ކެރަލާއަށް ދަތުރު ނުކުރަން ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފިއެވެ.
ދިވެހި ޚާރިޖިއްޔާގެ ބަޔާން:
އިންޑިއާގެ ކެރަލާ ސްޓޭޓުގައި ނޮވެލް ކޮރޯނާ ވައިރަހަށް ތިން މީހަކު ޕޮޒިޓިވްވުމާއެކު، އެ ސްޓޭޓުން ވަނީ "ސްޓޭޓް އޮފް ކެލެމިޓީ" އެއް އިއުލާން ކޮށްފައެވެ. ވީމާ، މި "ސްޓޭޓް އޮފް ކެލެމިޓީ" ދެމިއޮތްހާ ހިނދަކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ކެރަލާއަށް ދަތުރުނުކުރުމަށް އިލްތިމާސްކުރަމެވެ.
އަދި މި ވަގުތު އިންޑިއާގެ އެކި ސްޓޭޓުތަކުގައާއި ވަކިން ޚާއްސަކޮށް ކެރަލާ ސްޓޭޓުގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހީން މި މިނިސްޓްރީ ނުވަތަ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ނުވަތަ ތިރުވަނަންތަޕޫރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރަޖިސްޓްރީވުމަށްވެސް އިލްތިމާސްކުރަމެވެ.
މީގެ އިތުރުން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މި ބައްޔާގުޅޭގޮތުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށްވެސް އެދެމެވެ.