ޝިދާތާގެ ތަރި އޮއްސެން ކައިރިވެސް ނުވޭ - ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ: އިމްރާން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޝިދާތާގެ ތަރި އޮއްސެން ކައިރިވެސް ނުވޭ - ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ: އިމްރާން

ޖެންޑާ މިނިސްޓަރުކަމުން މިއަދު އިސްތިއުފާދެއްވި ޝިދާތާ ޝަރީފްގެ ތަރި އޮއްސެން ކައިރިވެސް ނުވާކަމަށާއި އަދި އެއީ އަދާލަތު ޕާޓީގެ އެއް މުގޫ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތްވެސް ނުވާ ކަމަށާއި. ސިޔާސީ ހަރަކާތުގައި ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ ކަމަށެވެ.

ޝިދާތާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ "ޝިދާތާ ޝަރީފަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް. އޭޕީ އާއި ހުދު އަޅުގަނޑަށް އެކަމަނާ ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންފައިވާ ގުރުބާނީ މިންކުރެވޭ ވަރަށްވުރެ ބޮޑު. އެއީ ގެއްލިގެންދާނެ ކަމެއް ނޫން." ކަމަށެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ ހުންނެވިއިރު އެކަމަނާއަކީ އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރެވެ.

ޝިދާތާ މިއަދު އިސްތިއުފާ ދެއްވާފައިވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އެމްޑީޕީގެ ގިނަ މެންބަރުން ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ.

ޝިދާތާ އަކީ، މިހާރު ވެރިކަން ކުރާ ކޯލިޝަނުން އިސްތިއުފާ ދެއްވި ފުރަތަމަ ވަޒީރެވެ.

 

މިއަދު އޮންލައިން