ވިލާ ފައުންޑޭޝަންގެ އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން މީހުން ބިނާކުރުން ކަމަށް ވިލާ ގުރޫޕްގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވިލާ ފައުންޑޭޝަނަށް 20 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އްޖޭގައި ފަންނީ މީހުން މަދު ދުވަސްވަރު ވިލާ ފައުންޑޭޝަންގެ އެހީތެރިކަމުގައި ވަރަށް ގިނަ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް އެހީތެރިވެ ދީފައިވާނެ ކަމަށާއި ވިލާ ފައުންޑޭޝަންގެ 20 އަހަރުގެ އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން މީހުން ބިނާކުރުން ކަމަށެވެ.
ގާސިމް ވިދާޅުވީ ވިލާ ފައުންޑޭޝަނުން ފުލްފަންޑިން، ހާފް ފަންޑިން ނުވަތަ އެ ނޫންވެސް އެކި މިންވަރުން އެހީތެރިވެ ދީފައިވާ ދަރިވަރުންގެ އަދަދު 7000 ވުރެ އިތުރު ވާނެކަމަށާއި ދަރިވަރަކު ފައިސާ ނުދައްކައިގެން ދުވަހަކުވެެސް ކޯޓަށް ގޮސްފައިނުވާނެކަމަށެވެ.
ވިލާ ކުންފުންޏަށް 44 އަަހަރު ވެގެންދިޔައިރު އާމަދްނީ ހޯދުމަށް ކުރި އިންވެސްޓްމަންޓަށްވުރެ ރައްޔިތުންގެ މަންފާއަށް ކުރެވިފައިވާ ހޭދަ ބޮޑުވާނެކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ތަފާތު ބަލިތަކުގެ ޝިކާރަކަށްވި އެތައް ދިވެހިންގެ ބޭސްފަރުވާގައި ވިލާ ކުންފުނިން އެހީތެރިވެދީފައިވާނެކަމަށެވެ.