އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އަންނަ މާރޗް މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރުނބާ މޯލްޑްވެސްގެ ކޮންވެންޝަން ހޯލްގައެވެ. އެޖަލްސާގައި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، އިވެލުއޭޓްކުރުމަށްފަހު، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވާ ފަރާތްތަކަށް ވޯޓަށް އެހުންވެސް އަހަރީ އާއްމު ޖަލްސާގައި އޮންނާނެއެވެ.
އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި މިމަހުގެ އެގާރަވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެއެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހަޅަންޖެހޭނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.
އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެރިވާ ހިއްސާދާރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭ 7.30 އާއި 8.30 އާ ދެމެދު ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލަށް ވަޑައިގެން ރެޖިސްޓަރ ކުރަން ޖެހެއެވެ. އަދި ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރި ނުވެވޭނެކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ މޯލްޑިވްސްއިން ޚިއްސާއަކަށް 3 ރުފިޔާ 30 ލާރި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހުށަހަޅާފައެވެ. އަދި އަހަރީ އާއްމު ޖަލްސާގައި މިކަމާމެދު ގޮތެއް ނިންމާނެއެވެ.
އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުުނު އާމްދަނީ 2 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާއިރު ފައިދާގެ ގޮތުގައި އެކުންފުންޏަށް ވަނީ 598 މިލިއަން ރުފިޔާ ލިބިފައެވެ.