އަލީ ވަހީދުގެ އޯޑިއޯ: ގޮތް ނިންމަވާނީ ރައީސް - އޭގެފަހުން ޖޭޕީން ނިންމަންޖެހޭ ކަމެއް އޮތް ނަމަ ނިންމާނަން: ގާސިމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އަލީ ވަހީދުގެ އޯޑިއޯ: ގޮތް ނިންމަވާނީ ރައީސް - އޭގެފަހުން ޖޭޕީން ނިންމަންޖެހޭ ކަމެއް އޮތް ނަމަ ނިންމާނަން: ގާސިމް

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ލީކުވަމުންދާ އޯޑިއޯ ތަކުގެ މައްސަލާގައި ގޮތެއް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާއި އޭގެފަހުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމަންޖެހޭ ކަމެއް އޮތް ނަމަ ނިންމަވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިރޭ ބޭއްވި އެޕާޓީގެ ކުއްލި ކައުންސިލް ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ. 

ގާސިމް ވިދާޅުވި އޯޑިއޯގައި އިވެނީ މިނިސްޓަރުންތަކަކާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކެއް ކަމަށްވާތީ އެކަންކަމާމެދު ގޮތް ނިންމަވާނީ ރައީސް ކަމަށެވެ. އަދި ރައީސްގެ ނިންމެވުމަށްފަހު ޖުމްހޫރީ ޕާޓީން ނިންމަންޖެހޭ ކަމެއް އޮތް ނަމަ ނިންމަވާނެ ކަމަށާއި އެ އޯޑިއޯގެ މައްސަލައަކީ ޖިނާއީ މައްސަލައެއް ކަމަށް ވުމުން އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން އިދާރާތަކުން ކުރާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އަލީ ވަހީދު މިކަމާގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއީ އަސްލެއް ނެތް އޯޑިއޯތަކެއް ކަމަށާއި މައްސަލަ ރަނގަޅަށް ބެލުމުން އެއީ ހަގީގަތެއް ނޫންކަން ހާމަވާނެ ކަމަށެވެ. އަދި އެ އޯޑިއޯގެ ވާހަކަތައް ތަހުގީގު ކުރުމަށްވެސް އަލީ ވަހީދު ވަނީ އެދިފައެވެ. 

މި އޯޑިއޯތަކުގެ ތެރެއިން ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ އޯޑިއޯ އެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން