އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ސައިން ލޭންގުއޭޖު މެދުވެރިކޮށް އުރީދޫއިން ހާއްސަ ހިދުމަތްތަކެއް ތައާރަފުކޮށްފިއެވެ.
އުރީދޫއިން މިކަމާބެހޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު ވިދާޅުވީ އެކުންފުނީގެ 15 ސްޓާފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން އެއް ދީފައިވާކަމަށާއި އެކަން ފެސިލިޓޭޓް ކޮށްދިނީ ޑެފް އެސޯސިއޭޝަނުން ކަމަށެވެ.
މީގެއިތުރުން ޑެފް އެސޯސިއޭޝަން އާއެކު ކުރި މަޝްވަރާތަކުގެ ދަށުން ވައިބާ ވީޑިއޯ ކޯލް މެދުވެރިކޮށް ޑެފް ބޭފުޅުންނަށް ކަސްޓަމާ ކެއާގެ ހިދުމަތް ދޭ ޗެނަލްއެއް ގާއިމްކޮށްފައިވާއިރު މި ހިދުމަތް ހޯދުމަށް 9611929 އަށް ގުޅައިގެން ސައިން ލޭންގުއޭޖު މެދުވެރިކޮށް ހިދުމަތްތަކުގެ މައުލޫމާތު ލިބިގަނެވޭނެ ކަމަށް އުރީދޫއިން އިންވަނީ ބުނެފައެވެ.
އުރީދޫއިން ބުނެފައިވަނީ ކުރިއަށް އޮތްތަނުގައިވެސް ޑެފް އެސޯސިއޭޝަން އާއެކު ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އަޑުއިވުމުން މަހުރޫމުވެފައި ތިބޭ މީހުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.