ފަސް ދުވަހުގެ މުއްދަތަކަށް މާދަމާއިން ފެށިގެން ސިންގަޕޫރުގެ ހުރިހާ މިސްކިތެއް ސާފު ކުރުން ބަންދު ކުރުމަށް ނިންމައިފިއެވެ.
ސިންގަޕޫރުން މިފަދަ ފިޔަވަޅެއް އެޅުމަށް ނިންމާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ މިސްކިތެއްގައި އޮތް ދީނީ އެއްވުމެއްގައި ބައިވެރިވި މީހަކު ކޯވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެއެއްވުމުގައި ގާތްގަނޑަކަށް ސިންގަޕޫރުގެ 90 މީހުން ބައިވެރިވެފައިވެއެވެ.
އިސްލާމިކް ރިލިޖަސް ކައުންސިލް އޮފް ސިންގަޕޫރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، ކޯވިޑް 19 ފެތުރުން ހުއްޓުވުމަށްޓަކައި މާދަމާއިން ފެށިގެން ފަސް ދުވަހުގެ މުއްދަތައް އެޤައުމުގެ 70 މިސްކިތް ސާފު ކުރަން ބަންދު ކުރާނެ ކަމަށެވެ. އަދި މާދަމާގެ ހުކުރު ނަމާދުވެސް އެޤައުމުގެ އެއްވެސް މިސްކިތެއްގައި ނޯންނާނެ ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.
މީގެއިތުރުން މިސްކިތްތަކުގައި ބާއްވާ ދަރުސް ތަކާއި ކްލާސްތައް، މިމަހުގެ 27 އާއި ހަމައަށް ބޭއްވުން ފަސްކޮށްފައިވާ ކަމަށް ވެސް އެކައުންސިލުން ބުނެފައިވެއެވެ.
މެލޭޝިއާގެ މިސްކިތެއްގައި އޮތް ދީނީ އެއްވުމުގައި އެކި ގައުމުތަކުން 10،000 މީހުން ބައިވެރިވިއިރު މެލޭޝިއާ އިން އަންނަނީ އެ އެއްވުމުގައި ބައިވެރިވި 5،000 މީހުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެ އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން ބައްޔަށް ފައްސި ވެފައިވަނީ ބުރޫނާއީ އަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ މީހެކެވެ.