ކޮރޯނާ ވައިރަހާ ގުޅިގެން ބީއެމްއެލް އިން ޝޯޓް ޓަރމް ފައިނޭންސިންގ އެއް ތައާރަފްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކޮރޯނާ ވައިރަހާ ގުޅިގެން ބީއެމްއެލް އިން ޝޯޓް ޓަރމް ފައިނޭންސިންގ އެއް ތައާރަފްކޮށްފި

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެހީވުމުގެ ގޮތުން، މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ފަތުރުވެރިކަމުގެ ސިނާާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޝޯޓް ޓަރމް ފައިނޭންސިންގ އެއް ތައާރަފްކޮށްފިއެވެ.

މި ފައިނޭންސިންގެ ދަށުން  މިހާރު އޮޕަރޭޓް ކުރަމުންދާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ ވަރކިން ކެޕިޓަލް ގެ ގޮތުގައި 2 މިލިއަން ޑޮލަރާ ހަމައަށް ފައިނޭންސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަނބުރާ ދެއްކުމަށް 3 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ކޮވިޑް-19 ގެ ސަބަބުން ލިބޭނެ ގެއްލުން މުޅިން ވަޒަން ކޮށްލެވޭނީ، މިކަން ދިގުދެމިގެންދާ މުއްދަތަކާއި މިކަމުގެ އަސަރުކުރާނެ ނިސްބަތުންކަމުގައިވީ ނަމަވެސް މިހާރުވެސް ފަތުރުވެރިކަމުގެ ސިނާއަތަށާއި ދިވެހި ވިޔަފާރިތަކަށް މިވަނީ ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައި. ޤައުމީ ބޭންކުގެ ހައިސިއްޔަތުން މިފަދަ ދަނޑިވަޅެއްގައި މި ވިޔަފާރިތަކަށް އެހީތެރިކަންފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެންގެ ޕާޓްނަރުންނާއެކު މިއަދު މި ތައާރަފްކުރެވޭ ޝޯޓް ޓަރމް ފައިނޭންސިންގ އަކީ މި ދަނޑިވަޅުގައި ދިވާމެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ނުވަތަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށް އެކަށޭނެ ފައިނޭންސިންގ އެއް."

ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރ އާ ގުޅުއްވައިގެން ނުވަތަ ބޭންކުގެ ބްރާންޗަކަށް ވަޑައިގެން މި ޚިދުމަތައް އެދި ހުށަހެޅޭނެއެވެ. ބޭންކުގެ ކޮންޓެކްޓް ސެންޓަރ ނަންބަރު 3330200 އިން އިތުރު މައުލޫމާތު ލިބޭނެއެވެ.

މި ހަފްތާ ކުރީކޮޅު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަހުނަކާ ނުލައި ދޫކުރާ ވަރކިން ކެޕިޓަލް ފައިނޭންސިންގ ޚިދުމަތްވެސް ތައާރަފްކޮށްފައެވެ.

މިއަދު އޮންލައިން