ދުނިޔޭގެ އެހެން ޤައުމުތައް ފަދައިން ދިވެހިރާއްޖެއަށްވެސް މިވަނީ ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި ކަމަށާއި މިހާލަތުގައި މިނިމަމް ވޭޖް ކަނޑައެލި ނަމަވެސް ނުދެވޭނެ ކަމަށް ވިލާ ގްރޫޕުގެ ޗެއާމަން ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވަނީ މިނިމަމް ވޭޖް ބޯޑުގެ ރިޕޯޓް ދިރާސާކުރުމަށް އިއްޔެ ބޭއްވި މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށްވުރެ މާ ބޮޑެތި މައްސަލަތައް މިވަގުތު ޤައުމަށް ވަނީ ކުރިމަތިވެފައި ކަމަށެވެ. ސިއްހީ ގޮތުން ބެލިނަމަވެސް އަދި އިގްތިސާދީ ގޮތުން ބެލިނަމަވެސް އަޅުގަނޑުމެންގެ ކުރިމަތީގައި އެބަހުރި ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ މިއަދު މަޖިލީހުން މިނިމަމް ވޭޖުގެ ގޮތުގައި ވަކި އަދަދެއް ކަނޑައެޅިކަމުގައިވިޔަސް ޤއުމަށް މިޮހާރު ކުރިމަތިވެފައިވާ ޙާލަތުގައި އެ އަދަދު ނުދެވޭނެ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ "އެހެންވީމަ ނުވާނެ ކަމެއް ކުރުމަށް އަޅުގަނޑުމެން ވަގުތު ނަގާލުމުގެ ބޭނުމެއް ނެތް. ކޮރޯނާގެ ނުރައްކަލާއެކު މުޅި ދުނިޔޭގެ އިގްތިސާދަށް މިވަނީ އަސަރުކޮށްފަ. ރާއްޖެވެސް މިއޮތީ ވަރަށް ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގަ. ރާއްޖޭގެ އިގްތިސާދަށްވެސް ގޮންޖެހުންތައްކެއް ވަނީ ކުރިމަތިވެފަ" ކަމަށެވެ.
މިނިމަމް ވޭޖް ބޯޑުގެ ޗެއާ، މަރިޔަމް ހާލިދާ ވެސް ވަނީ ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވައިފައެވެ.
މިނިމަމް ވޭޖްގެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ޚާލިދާ ވިދާޅުވީ ބޯޑުގެ ރިޕޯޓަކީ ކޮރޯނާ ވައިރަސްގެ ނުރައްކާ އައުމުގެ ކުރިން އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށާއި ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށަށް ދާނެތީ، މިވަގުތަކީ މިނިމަމް ވޭޖެއް ތަންފީޒު ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
ޚާލިދާ މިފަދައިން ވިދާޅުވެފައިވާއިރު އެއިން އެއްވެސް ކަމަކަށް ވިސްނާނުލައި މަޖިލީހުން މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދާ ސަބަބާއިމެދު ސުވާލު އުފެދެއެވެ.
ރާއްޖޭގައި އެންމެ ގިނަ ބައަކު ވަޒީފާ އަދާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުގައެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތު ވަނީ އިނދަޖެހިފައެވެ. ރިޒޯޓުތައް ހިންގެން ނެތިގެން ޚަރަދުތައް ކުޑަކުރާނެ ގޮތްތައް ހުރިހާ އިންވެސްޓަރުންވެސް ދަނީ ހޯދަމުންނެވެ.