އެސް.ޓީ.އޯ އިން އޯޑަރުކޮށްފައިވާ ބޭހުގެ ޝިޕްމަންޓެއް އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ރާއްޖެ ގެނެސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެސް.ޓީ.އޯ އިން އޯޑަރުކޮށްފައިވާ ބޭހުގެ ޝިޕްމަންޓެއް އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ރާއްޖެ ގެނެސްފި

އިންޑިއާގެ އެކި ސިޓީތަކުގައި ރާއްޖެއަށް ނުގެނެވި ހުރި ބޭސްތައް، އިންޑިއާ ސަރުކާރުގެ އެހީގައި މިއަދު ރާއްޖެއަށް ގެނެސްފިއެވެ.

މިބޭސްތަކަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން އޯޑަރުކޮށްފައިވާ ބޭހުގެ ބާވަތްތަކެވެ. މިއަދު ރާއްޖެއަށް ގެނެސްފައިވަނީ 6.2 ޓަނުގެ ބޭހެވެ. މި ބޭސްތަކުގެ ތެރޭގައި ކޮވިޑް-19ގެ ފަރުވާއަށް ބޭނުންކުރެވޭ ބޭހުގެ ބާވަތްތަކާއި، ހޮސްޕިޓަލްތަކުގައި ބޭނުންކުރަން ޖެހޭ ޒަރޫރީ ބައެއް މުހިއްމު ބޭސްތައް ހިމެނެއެވެ.

މި ބޭސްތައް އިންޑިއާގެ އެކި ސިޓީތަކުން ނަގައި، ރާއްޖެއާއި ހަމަށް ގެނެސްދީފައިވަނީ އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަމާއެކުގައެވެ.

މިފަދަ މުހިއްމު ދަނޑިވަޅެއްގައި، އަދި އިންޑިއާގައި އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކުރުން ހުއްޓާލާފައި މިވަގުތު، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެއްވި މި އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި، ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރުގެ އިތުރުން އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ޚާއްސަ ޝުކުރެއް ދަންނަވަމެވެ.

 

މިއަދު އޮންލައިން