ސަރުކާރު މުވައްޒިފުންނަށް ގޭގަ ތިބެގެން މަސައްކަތްކުރެވޭނެ ގޮތް އުރީދޫ އިން ހިލޭ ހަދައިދެނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 45ސ
ސަރުކާރު މުވައްޒިފުންނަށް ގޭގަ ތިބެގެން މަސައްކަތްކުރެވޭނެ ގޮތް އުރީދޫ އިން ހިލޭ ހަދައިދެނީ

އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން  ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނޭގޮތް ހަދައި، އޮފީސް މަސައްކަތްކުރުން ފަހިކޮށްދިނުމުގެ އިންތިޒާމްތައް ކުރިޔަށް ގެންދަން ފަށައިފިއެވެ. 

އުރީދޫ އިން ބުނީ މިގޮތުން، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ސަރުކާރު މުވައްޒަފުންނަށް ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ހިލޭ ވަދެވި، އޮންލައިންކޮށް ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުންތައްވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މި އިންތިޒާމް އާއި ގުޅޭ އިތުރު މައުލޫމާތު ސަރުކާރު މުވައްޒަފުންނަށް ކަމާ ގުޅުންހުރި މިނިސްޓްރީތައް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. 

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ "ކޯވިޑް-19 އާއި ގުޅިގެން އިންޓަނެޓް ގެ ޚިދުމަތް ވަނީ މުޅި މުޖުތަމައު އާއި ވަކި ވަކި ފަރުދުންނަށް އިހުނަށް ވުރެ ބޮޑަށް ބޭނުންކުރަންޖެހިފައެވެ. ގައުމަށް ދިމާވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، އިންޓަނެޓް ގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން އިސްނަންގަވައިގެން އަޅުގަނޑުމެންގެ މުޖުތަމައު އަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން. ހަމަމިއާއިއެކު، އުރީދޫ ނެޓްވޯކް މެދުވެރިކޮށް ރައްކާތެރިކަމާއެކު ސަރުކާރުގެ ޕޯޓަލްތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އަވަސް ޚިދުމަތެއް ފޯރުކޮށްދީފައިވާތީ، އުރީދޫ މޯލްޑިވްސްއަށް ޚާއްސަ ޝުކުރެއް އަދާ ކުރަން." 

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ނަޖީބް ހާން ވިދާޅުވީ "މި ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. އެގޮތުން ކުންފުނިތަކުގެ މަސައްކަތާއި، ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައް ވެސް ވަނީ މުޅިންހެން އިންޓަނެޓް މެދުވެރިކޮށް ކުރަންޖެހިފަ. މުޅި ދުނިޔެއަށް އައިސްފައިވާ މި ބޮޑު ބަދަލާ ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމައުއަށް ދިމާވާ ދަތިތައް ޑިޖިޓަލް ޒަރިއްޔާތައް ބޭނުންކޮށްގެން ލުއި ފަސޭހަކޮށްދީ، ސަރުކާރާއި އަދި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް މިފަދަ ކަންކަމުގައި އުރީދޫއިން އެއްބާރުލުން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން. އެގޮތުގެ މަތިން ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."  ކަމަށެވެ. 

ދިވެހި ސަރުކާރާއި، އެޗް.ޕީ.އޭ އަދި ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން ކޮވިޑް-19 އާ ގުޅޭގޮތުން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި އުރީދޫ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން