ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމުން މިހާތަނަށް 12،000 ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާކަމަށް އެ ބެންކުން ބުނެފިއެވެ.
ބީއެމްއެލް އިން ވަނީ 2 އޭޕްރިލް 2020 ވަނަ ދުވަހުން ފެށިގެން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށްވެސް ފަސޭހައިން ލޮގިންކުރެވޭ ގޮތަށް ލޯނާ ގުޅޭ ހުރިހާ މައުލޫމާތު އެކުލެވޭ އަދި ލޯނު އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހަޅޭ ގޮތަށް ބޭންކުންވަނީ އޮންލައިން ޕޯރޓަލްއެއް ގާއިމްކޮށް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.
ލޯނު އަނބުރާ ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުންވާނެ ގޮތް:
· ފުރަތަމަ 6 މަސްދުވަސް: މި މުއްދަތުގައި ބޭންކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. މި މުއްދަތުގައި އިންޓަރެސްޓް ނަގާނީ ކޮމްޕައުންޑްކޮށެއް ނޫނެވެ. މާނައަކީ އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެއެވެ.
· ޖެހިގެން އަންނަ 6 މަސްދުވަސް: ކޮންމެ މަހަކަށް ދައްކަން ޖެހޭނީ މިހާރު ލޯނަށް ދައްކަމުންދާ އަދަދަށްވުރެ %20 މަދު އަދަދެކެވެ.
· ލޯނުގެ ބާކީ މުއްދަތު: ލޯނުދެއްކުން ފަސްކުރެވުނު ފުރަތަމަ 6 މަސްދުވަހުގެ އިންޓަރެސްޓް ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށްފަހު ލޯނަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ބާކީ މުއްދަތަށް ބަހާލާނީއެވެ.
· ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް މިވަނީ 6 މަސްދުވަސް އިތުރު ކުރެވިފައެވެ.
ބީއެމްއެލްއިން ބުނެފައިވަނީ ލޯނު ފަސްކޮށްދިނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެ ކަމަށާއި މި މުއްދަތު ތެރޭގައި ކަސްޓަމަރު ބޭނުން ވަގުތަކު ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދެވިދާނެކަމަށެވެ. އަދި ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެންނެވެ. ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.
ބީއެމްއެލްގެ އިތުރުން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންގެ ނަގާފައިވާ ޕަރސަނަލް، ހައުސިންގ، އަދި ބިޒްނަސް ފައިނޭންސިންގ ތެރެއިން މުރާބަހާ ފައިނޭންސިންގ ފިޔަވައި ހުރިހާ ފައިނޭންސިންގ އަކަށްވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ވަނީ ކަސްޓަމަރުންނަށް ހުޅުވާލެވިފައެވެ.