ލ. އަތޮލުގެ ރައްޔިތުން ތިބީ އެސްޓީއޯ އިން ހެޔޮ އަގުގައި ވިއްކާ އަލުވި ފިޔާ ބިސް ފަދަ ބާވަތްތައް ހެޔޮ އަގުގައި އަތޮޅުގެ ހުރިހާ ރަށަކުންވެސް ގަންނަން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށް އަތޮޅުގެ ބައެއް ރައްޔިތުން ބުނެއެވެ.
މިއަދުނޫހަށް މައުލޫމާތުދިން ބައެއް މީހުން ބުނީ ރަށްރަށުގެ އެޖެންޓުން އަތުން އެސްޓީއޯގެ އަގަށް ގަންނަން ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށާއި ނަމަވެސް ފޮނަދޫގައި ހުންނަ އެސްޓީއޯގެ ފިހާރައަށް ތަކެތި ލިބި ހެޔޮ އަގުގައި ވިއްކަން ފަށާނެ ކަމަށް އެފިހާރައިން މައުލޫމާތުދީފައިވާ ކަމަށެވެ.
"އެސްޓީއޯ ފިހާރައިން އެބަބުނޭ މިމަހު 16 ވަނަ ދުވަހު ތަކެތި ލިބޭނެ ކަމަށް. އެއިރުން އަހަރެމެންނަށް ޖެހޭނީ ހެޔޮ އަގުގަ ފިޔާ ކިލޯ ގަންނަން ކަނޑު ހުރަސްކޮށް ދަތުރުކޮށްފަ ފުނަދުއަށް ދާން،" ކަމަށްވެސް ބައެއް މީހުން ބުނެފައެވެ.
އެސްޓީއޯ އިން މިއަދުވެސް ވަނީ މި ބާވަތްތައް ވިއްކާތައް އަގުތަކަށް ބަދަލުގެނެސް ހެޔޮކޮށްފައެވެ. އެގޮތުން ފިޔާ ކިލޯއެއްގެ އަގު 15 ރުފިޔާއިން 11 ރުފިޔާއަށް، އަލުވި ކިލޯއެއްގެ އަގު 12 ރުފިޔާއަށް އަދި ބިސް ކޭސް ދޫކުރާ އަގު ވަނީ 290 ރުފިޔާއިން 260 ރުފިޔާއަށް ހެޔޮކޮށްފައެވެ. ވަކިން ވިއްކަނީ ބިހެއް ދޮޅުރުފިޔާއަށެވެ.
https://twitter.com/stoplc/status/1249956250260893696