ބީއެމްއެލް އިން މާމެންދޫ އާއި ނިލަންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 14ސ
ބީއެމްއެލް އިން މާމެންދޫ އާއި ނިލަންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން އަތޮޅުތެރޭގައި ކުރަމުންދާ އިންެވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގއ. މާމެންދޫ އަދި ގއ. ނިލަންދޫގައި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ. މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

މި ފެށުނު އޭޓީއެމް ޚިދުމަތާއެކު މިވަގުތު ގއ. އަތޮޅު  ވިލިނގިލީގައި ބްރާންޗް އަދި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް މިދަނީ ދެވެމުންނެވެ. މީގެ އިތުރުން ގއ. އަތޮޅުގެ 6 ރަށެއްގައި މިވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރތައް ގާއިމްކުރެވިފައެވެ. މި ރަށްތަކަކީ ކޮލަމާފުށި، ދާންދޫ، މާމެންދޫ، ނިލަންދޫ ،ގެމަނަފުށި، އަދި ކޫއްޑޫ އެވެ. އަދި ހަމައެހެންމެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލް އިން ދަނީ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ޚިދުމަތް ދެމުންނެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " އަޅުގަނޑުމެން މި ވަގުތު މި ތިބީ މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާދިސާ އާ ގުޅިގެން ބޭންކަށާއި އިޤްތިސާދަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވެފައިވާ ވަރަށް ނާޒުކު ދަނޑިވަޅެއްގައި. މި ދަނޑިވަޅުގައިވެސް މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. މި ގޮތުން ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅުކަމަށްވާ ހުވަދު އަތޮޅުގެ އިތުރު ދެ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ދެރަށުގެވެސް އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތް ހޯދުމަށް މި އޭޓީއެމް ސެންޓަރތަކުގެ ސަބަބުން އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ."

ބީއެމްއެލް އިން އިލްތިމާސް ކޮށްފައިވަނީ ބޭންކިންގ ޚިދުމަތް ހޯއްދެވުމަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ ބޭނުންކުރެއްވުމެވެ. އަދި ފައިސާ ދެއްކެވުމަށް މޮބައިލްޕޭ ފަދަ ފަސޭހަ އޮންލައިން ޚިދުމަތްތައް ބޭނުންކުރެއްވުމެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިއަދު އޮންލައިން