މާލީ ދަތިކަން ދިމާވެފައިވާ ކަސްޓަމަރުންގެ ބިލް ދެއްކުމުގައި ހާއްސަ ފުރުސަތުތަކެއް އުރީދޫ އިން ފަހިކޮށްދީފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 31ސ
މާލީ ދަތިކަން ދިމާވެފައިވާ ކަސްޓަމަރުންގެ ބިލް ދެއްކުމުގައި ހާއްސަ ފުރުސަތުތަކެއް އުރީދޫ އިން ފަހިކޮށްދީފި!

ރާއްޖޭގެ ރައްޔިތުންނަށް ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމުގައި އެހީތެރިވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް ބިލް ދެއްކުމަށް ލުއިފަސޭހަކަމެއް ގެނެސްދޭނެ ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދީފިއެވެ.

އުރީދޫ އިން ބުނެފައިވަނީ ބިލައް ފައިސާ ދެއްކުމުގައި ދަތިތަށް ކުރިމަތިވެފައިވާނަމަ، ފައިސާ ދެއްކުމުގެ މުއްދަތު ބިލް ތައްޔާރުކުރާ ދުވަހުންފެށިގެން ދެމަސް ދުވަހަށް އިތުރުކުމަށް އެދިލެއްވުމުން، އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް މި އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށާއި އަދި މި ދަނޑިވަޅުގައި މާލީ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް، ބިލަށް ފައިސާ ދެއްކުމުގެ ޕްލޭންތަކާއި އެހެނިހެން ލުއިފަސޭހަކަން ރިކުއެސްޓްކޮއްލުމުން ހަމަޖައްސައިދެވޭނެކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިމާވި ކަންކަމުގައި ވަޒީފާ ގެއްލުނުކަމަށް ރެޖިސްޓަރ ކުރެވިފައިވާ ފަރާތްތަކަށް، އެކަމަށް ހައްލެއް ނުލިބެނީސް ނުވަތަ އެ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ލިބޭނެ އިތުރު ގޮތެއް ފަހިނުވާކަމުގައި ވާނަމަ، އުރީދޫ ބިލްތަށް ދައްކާފައި ނުވިކަމުގައިވިއަސް ޖޫން 2020 ގެ ނިޔަލަށް އެފަރާތްތަކުގެ ޙިދުމަތް ނުކަނޑާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

"މި ނާޒުކު ދަނޑިވަޅުގައި، އެންމެހާ ފަރާތްތަކަށްވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށްޓަކައި، ސަރުކާރުން ޚިދުމަތްދޭ ފަރާތްތަކާއި ގުޅިގެން ވަރަށް ގާތުން މިދަނީ މަސައްކަތްކުރަމުން. ޑިޖިޓަލް ޚިދުމަތްތަކުގެ ބޭނުން އިހުނަށްވުރެ މުހިންމު ވެފައިވާ މި ދުވަސްވަރު، ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށްޓަކައި އުރީދޫ މޯލްޑިވްސްއިން މުހިންމު ފިޔަވަޅެއް ނެންގެވީތީ، އެ ކުންފުންޏަށް ޝުކުރު އަދާކުރަން. ޔަގީނުންވެސް މާލީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް މިކަމާއި އެކު ލިބިގެންދާނެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމާއި ކޯޕަރޭޓް ދާއިރާއަށް ލިބުނު ގެއްލުމާއި ގުޅިގެން، ޓެލެކޮމިއުނިކޭޝަން ހިމެނޭގޮތަށް، ވަރަށް ގިނަ ދާއިރާތަކަށް ވަނީ އަސަރުކޮށްފައި. ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، ކަސްޓަމަރުންނާއި އެމަރޖެންސީ ރެސްޕޮންސް ޓީމްތަކަށް ފޯރުކޮށްދެވޭ އެހީތެރިކަން ސަރުކާރުން ފާހަގަކުރަން. " މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އޮނަރަބްލް ފައްޔާޒް އިސްމާއިލް ވިދާޅުވިއެވެ.

"ކޮވިޑް-19 ގެ ސަބަބުން، މީގެ ކުރިން ކުރިމަތިލާން ޖެހިފައިނުވާ ގޮންޖެހުންތަކާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިދަނީ ކުރިމަތިލަމުން. ކުންފުންޏަށް ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭ ކަމަކީ ކަސްޓަމަރުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުން. ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެކަހެރިވެ އުޅެންޖެހިފައިވާ މި އައު ދިރިއުޅުމުގައި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، މުހިންމު މައުލޫމާތާއި ހަބަރުތަކަށް ވާސިލްވުމުގައި ޓެލެކޮމިއުނިކޭޝަންގެ މުހިއްމު ދައުރެއް އޮތްކަން ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު އަދި ފަސޭހަކަމާއިއެކު ލިބިގަނެވޭނެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން. " އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ. 

އުރީދޫ މޯލްޑިވްސްއިން، ކޯވިޑް-19 ޕެންޑެމިކްއާއި ގުޅިގެން މުޖުތަމައުއަށް ދިމާވަމުންދާ ދަތިތަކާއި މައްސަލަތަކަށް ލުއިފަސޭހަ ގޮތްތަށް ހޯދާދިނުމުގައި ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ކަސްޓަމަރުންނަށް ޚާއްސަ އޮފަރތަކާއި، އިމަރޖެންސީ ރެސްޕޯންސް ޓީމްތަކަށް ހިލޭ ކަނެކްޝަން ގެ އިތުރުންވެސް އެހެނިހެން އެހީތައް އުރީދޫ މޯލްޑިވްސްއިން ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، އަވަސް އެހީ އަށް ބޭނުންވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް އެކި އެކި ދާއިރާތަކުގެ ޕާރޓްނަރުންނާއި ގުޅިގެން ތަފާތު މަސައްކަތްތަކެއްވެސް ކުންފުނިން ދަނީ ކުރަމުންނެވެ.

މާލީ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަސަޓަމަރުން ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުމަށް http://ore.do/billsupport މެދުވެރިކޮށް ރިކުއެސްޓްކުރެވޭނެއެވެ. 

ކޯވިޑް-19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ނަގައިފައިވާ ފިޔަވަޅުތަކުގެ އިތުރު ތަފްސީލް www.ooredoo.mv/covid-19އަށް ޒިޔާރަތްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ

މިއަދު އޮންލައިން