ޕޮޒިޓިވްވި މުވައްޒިފުންނާ ބަލިމީހުންނާ އެއްވެސް ކޮންޓެކްޓެއް ނޯންނާނެ!: އަފްޢާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޕޮޒިޓިވްވި މުވައްޒިފުންނާ ބަލިމީހުންނާ އެއްވެސް ކޮންޓެކްޓެއް ނޯންނާނެ!: އަފްޢާލް

ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވީ ހޮސްޕިޓަލުގެ މުވައްޒިފުން ނަމަވެސް އެމީހުންނާއި ބަލިމީހުންނާއި އެއްވެސް ވަރަކަށް ކޮންޓެކްޓްވެފައި ނުވާނެ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލް ވިދާޅުވެއްޖެއެވެ. 

"އެކޮމޮޑޭޝަން ބްލޮކްގެ 5 މީހެއްގެ ކިބައިން ރޯގާގެ ޢަލާމާތްތައް ފެނުމާއިއެކު ހޮސްޕިޓަލުގެ ޕޮރޮޓޮކޯލްގެ ތެރެއިން އެކޮމޮޑޭޝަން ބްލޮކް ވާނީ ކަރަންޓީނުކޮށްފަ. އެއްވެސް ސްޓާފަކަށް ބޭރަކަށްވެސް ނުނުކުމެވޭނެ!" 

އަފްޢާލް ވިދާޅުވީ ރޯގާ ޖެހުމުން ސާމްޕަލް ނެގި 5 މީހުންގެ އިތުރަށް 10 މީހެއްގެ ސާމްޕަލް، ޖުމުލަ 15 މީހެއްގެ ސާމްޕަލް ނެގިކަމަށާއި މި އެންމެން ޕޮޒިޓިވްވީ ކުރިޓެސްޓުން ކަމަށެވެ. "އައިސޮލޭޝަނަށާ ކަރަންޓީނަށް ގެންދަން ޖެހޭ މީހުން އެޗްޕީއޭއިން އެދަނީ ގެންދަމުން. މުޅި ބްލޮކް ހުންނާނީ ޕްރޮސެސް ނިމެންދެން ކަރަންޓީނުގަ" ކަމަށްވެސް އަފްޢާލް ވިދާޅުވިއެވެ. 

އަފްޢާލް ވިދާޅުވީ މިބާވަތުގެ ކަމެއް މެދުވެރިވެދާނެ ކަމަށް ބަލައި ހޮސްޕިޓަލުން ވާނީ ކުރިންސުރެ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަލާފައި ކަމަށެވެ! މުވައްޒިފުންގެ ކަންކަން ގެންދަނީ ވަރަށް ގާތުން މޮނިޓަރކޮށް ބަލަހައްޓަމުން ކަމަށެވެ. "ބަލީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެ ނަމަ މަސައްކަތު ނުނުކުމެވޭނެ. ޖެހޭނީ އެކަން ރިޕޯޓްކުރަން. ރިޕޯޓްކުރީމާ އަލަން ޖެހޭ ފިޔަވަޅުތައް ހޮސްޕިޓަލުން ގެންދާނީ އަޅަމުން" ކަމަށްވެސް އަފްޢާލް ވިދާޅުވިއެވެ.

މިއަދު އޮންލައިން