ފަހަކަށް އައިސް ކޮންމެ ސަތޭކަ އަހަރަކުން ދުނިޔެ ތަޖުރިބާކުރަމުން މިގެންދާ ޢާންމު ބަލިމަޑުކަމުގެ މުޞީބާތް "ޕެންޑަމިކް" ކުރީ ޤަރުނުގައިވެސް ތަޖުރިބާކޮށްފައިވާ ސްޕޭންގެ އަންހެނެއް ކަމަށްވާ، ނޭވާލާ ނިޒާމުގެ ބައްޔަށް ފަރުވާވެސް ކުރަމުން ގެންދާ މާރިޔާ ބުރަންޔަސް އަށް ކޮރޯނާ ވައިރަސް ޖެހި ބަލިން ރަނގަޅުވެސް ވެއްޖެއެވެ.
މީގެ ކުރިންވަނީ 101،102، އަދި 103 އަހަރުގެ މީހަކަށް ކޮރޯނާ ވައިރަސް ޖެހި ބަލިން ރަނގަޅުވެފައެވެ. "ފެންނަމުން މިދަނީ ހަމަ އެންމެ ކަމެކެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. ޑޮކްޓަރުން ކޮންމެ ގޮތަކަށް ލަފާކުރި ނަމަވެސް އުމުރުން ކިތަންމެ ގިނަދުވަސްވީ ނަމަވެސް، އަދި އެމީހަކީ ކޮންމެ ފަދަ ބައްޔެއްގައި އުޅޭ މީހަކު ނަމަވެސް މާތް ﷲ ޝިފާ ދެއްވަވަން އިރާދަކުރައްވަވައިފި އަޅަކަށް ޝިފާ ދެއްވަވާނެ ކަމެވެ."
މާރިޔާގެ މިހާރުގެ އުމުރަކީ 113 އަހަރެވެ. އޭނާ ވަނީ 1918 ގައި ކުރިމަތިވި ފްލޫ ޕެންޑަމިކް ވެސް ތަޖުރިބާކޮށްފައެވެ. ސްޕޭންގައި މިހާރު ހުރި އެންމެ އުމުރުން ދުވަސްވީ އަންހެން މީހާ ކަމަށް ބެލެވޭ މާރިޔާ ވަނީ އެޤައުމުގައި ހިނގައިދިއަ ދާޚިލީ ހަނގުރާމަ އާއި އަދި ދުނިޔޭގެ ފުރަތަމަ އަދި 2 ވަނަ ބޮޑު ހަނގުރާމަވެސް ތަޖުރިބާކޮށްފައެވެ!
މާރިޔާގެ ޙަޔާތުގެ ކާމިޔާބީ އާއި ބެހޭ ގޮތުން އޭނާ ބުނެފައިވަނީ އޭނާ އެއްވެސް ޚާޢްޞަ ކަމެއް ނުކުރާ ކަމަށާއި އިންސާނުން ދިރިއުޅެން އޮންނަ ގޮތަށް ދިރިއުޅެނީ ކަމަށެވެ. އެގޮތުން ކޮރޯނާ ވައިރަސް އަކީ އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ނުރައްކާތެރި ބައްޔެއްކަން އެނގޭތީ ކުރިންވެސް ދިރިއުޅުނީ އެކަމަށް ސަމާލުކަންދީގެން ކަމަށާއި ބައްޔަށް ޝައްކުވި ދުވަހުން ފެށިގެން ދިރިއުޅުނީ ކޮޓަރީގައި އެކަނި ކަމަށެވެ.
މާރިޔާ ދިރިއުޅެނީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަނެއްގައެވެ. އޭނާ ބަލިވިފަހުން ކޮޓަރިން ނުކުމެފައެއް ނުވެއެވެ. މާރިއާގެ 3 ދަރިން ތިބިއިރު ދޮށީ ދަރިފުޅުގެ އުމުރަކީ 86 އަހަރެވެ. އެންމެ ދޮށީ މމަދަރިފުޅުގެ ޢުމުރަކީ 60 އަހަރެވެ!
މާރިޔާ ދުނިޔެއަށް ދިނީ ހަމަ ވަރުގަދަ މެސެޖެކެވެ! އެއީ އެމީހެއްގެ ޞިއްޙަތު ސަލާމަތްކުރަން މަސައްކަތްކުރުމަކީ އެމީހެއްގެ ކަމެއް ކަމާއި އެކަހެރިވާން ޖެހޭ ޙާލަތުގައި އެކަހެރިވެ ޒިންމާދާރުވާންޖެހޭނެ ކަމެވެ. މާރިޔާގެ މެސެޖުގައި ހިފެހެއްޓިއްޖެ ނަމަ މާތް ﷲ ވާގިފުޅާއިއެކު ބަލިން އަރައިގަނެވުމުގެ ފުރުޞަތު ބޮޑެވެ.