ކެފޭ އަދި ރެސްޓޯރަންޓްތައް އަންނަ މަހުގެ 1 ވަނަ ދުވަހު އަލުން ހުޅުވި ނަމަވެސް، އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު އެޗްޕީއޭއިން މިއަދު އެކުލަވާލާ އާންމުކޮށްފައިވާއިރު އޭގައިވަނީ ކެފޭތަކާއި ރެސްޓޯރެންޓުތައް އާންމުންނަށް ހުޅުވާލާއިރު އެފަދަ ތަންތަނުގައި ޝީޝާ އާއި ވޭޕަރާއި، އީ - ސިނގެރޭޓް ފަދަ ތަކެތި ހިމެނޭހެން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނާކަމެއްކަމަށެވެ.
އަދި މީގެއިތުރުން ކެފޭ/ރެސްޓޯރަންޓު ފަދަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެކަކު އަނެކަކާ މުއާމަލާތު ކުރާ ވަރު މަދުކުރުމަށްޓަކައި ވީހާ ވެސް މަދު މުވައްޒަފުން އެކި ގަޑިތަކަށް ބަހައިލަން ޖެހުމާއި މަސައްކަތުގެ ވަގުތުގައި މުވައްޒަފުން ތިން ފޫޓު ދުރުގައި ތިބުން ވެސް ވަނީ އުސޫލުގައި ލާޒިމުކޮށްފައެވެ.
މީގެ އިތުރުން ކެފޭ/ރެސްޓޯރަންޓު ފަދަ ތަންތަނުގައި އެފަދަ ތަންތަނަށް ޒިޔާރަތްކުރާފަރާތްތަކާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ފެންނަގޮތަށް ބެހެއްޓުމާއި ތަނުގައި މަސައްކަތްކުރާ މީހުން މާސްކު އެޅުމަށާއި، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އުސޫލުގައި ހިމަނާފައެވެ.